އައްޑޫގައި މިހާރު އެންމެ ފުޅާކޮށް އެކި ކަހަލަ ވިޔަފާރިކުރަމުން އަންނަ ފޭދޫ ތުރީ އެސް ޕްރައިވެޓް ލިމިޓްގެ ސުޕަމާޓެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
އެ ކުންފުނީގެ ވެރިޔާ ހުސައިން ރަޝީދު މިއަދު ވިދާޅުވީ ހުޅުމާލޭ ފޭސް ދޭއްގެ ހިޔާ ޓަވަރު ފްލެޓް ހަތަރެއްގައި "3އެސް ސުޕަމާޓް" ހުޅުވަން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ޕްލޭނަކީ އަންނަ މަހުގެ 2 ގައި ރަސްމީކޮށް އެތަން ހުޅުވަން ކަމަށެވެ.
"ބޮޑު އާބާދީއެއް އޮތް ތަނަކަށްވެފައި ފިހާރަތަކާ އެއްޗެހި ވެސް މަދުވީމަ އަޅުގަނޑުމެންގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވަން ނިންމީ. އަނެއްކާ ތުރީ އެސް ބްރޭންޑެއްގެ ގޮތުގައި ފުޅާ ވެސް ކުރަން ބޭނުންވާތީ އައްޑޫން ބޭރުގައި ފުރަތަމަ ފަހަރަށް މިފަދަ އައުޓްލެޓެއް ހަދަން ނިންމީ،" ހުސައިންް ވިދާޅުވި އެވެ. "އުންމީދުކުރަނީ ވަރަށް ރަނގަޅުވާނެ ކަމަށް."
މި ވަގުތު އައްޑޫގައި "3 ސްޕަމާޓް" ގެ ދެ ތަނެއް އެބަ ހުއްޓެވެ. އެއީ ފޭދު އާއި ހިތަދޫގަ އެވެ. ނަމަވެސް ހިތަދޫ ސުޕަމާޓް މި މި މަހުގެ ފަހުން ބަންދުވާނެ އެވެ.
ހުސައިން ވިދާޅުވި ގޮތުގައި ހިތަދޫގެ ސުޕަމާޓް މި ވަގުތަށް ބަންދުކުރަން ނިންމީ އެތަން ހިންގާ އިމާރާތުގެ މުއްދަތު ވެސް ހަމަވާތީ އެވެ. ހިތަދޫގެ "3އެސް ސުޕަމާޓް" ހުންނަނީ އެ އަވަށު ބޮޑު މަގުގައި ހުންނަ އިމާރާތެއްގަ އެވެ.
"އެތަން މި މަހުގެ ނިޔަލަށް ހިންގި ނަމަވެސް ފަހުން އަދި ހަމަ އެ އިމާރާތުގައި އަލުން ސުޕަމާޓް އާ ބަދަލުތަތަކާ އެކި ހުޅުވުމުގެ ވިސްނުން ވެސް އެބަހުރި،" ހުސައިން ވިދާޅުވި އެވެ. "އެކަމަކު އެކަމާ ގުޅޭ މަސައްކަތްތައް ފަށާނީ ރޯދައިގެ ފަހުން."
ތުރީ އެސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ސްޕަމާޓްގެ އިތުރުން "3އެސް ލައުންޖް" ގެ ނަމުގައި ރެސްޓޯރަންޓަކާއި "އައްޑޫ ޑައިވް" ގެ ނަމުގައި ޑައިވިން ސެންޓަރަކާއި "ވޭވް ސައުންޑް" ގެ ނަމުގައި ގެސްޓްހައުސްއެއް ވެސް ހިންގަ އެވެ. އަދި މިހާރު އަންނަނީ "3އެސް ބޭކާސް" ގެ ނަމުގައި ފޭދޫގައި ބޭކަރީއެއް ވެސް ހުޅުވަން ތައްޔާރުވަމުންނެވެ.