Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

މާރިއާއާ ލޯޑު ޠާރިޤް ބައްދަލުކޮށްފި

ފޮޓޯ: ޑިފެންސް މިނިސްޓްރީ

އިނގިރޭސިވިލާތުގެ މިނިސްޓަ އޮފް ސްޓޭޓް ފޮ ސައުތު އެންޑް ސެންޓްރަލް އޭޝިޔާ، ދަ ޔޫއެން އެންޑް ދަ ކޮމަންވެލްތު ލޯޑު ޠާރިޤް އަހުމަދު، ޑިފެންސް މިނިސްޓަރު މާރިޔާދީދީއާ ބައްދަލުކުރައްވައިފި އެވެ.

ޑިފެންސް މިނިސްޓްރީގައި އޮތް މިބައްދަލުކުރެއްވުމުގައި މިނިސްޓަރ މާރިޔާ ވަނީ، ވޭތުވެދިޔަ 3 އަހަރުދުވަހުގެ ތެރޭގައި، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ދެމެދުގައިވާ ގުޅުމަށް އާ ރޫޙަކާއެކީ، އިތުރަށް ވަރުގަދަވެގެންގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އިނގިރޭސި ސަރުކާރުން، ދިވެހިރާއްޖެއަށް، ދިފާޢީ އަދި ސަލާމަތީ ރޮނގުން، ދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރައްވާ، އެކަމަނާވަނީ އިނގިރޭސި ސަރުކާރަށް ޝުކުރު އަދާކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

މީގެއިތުރުން މިނސިްޓަރު މާރިޔާ ވަނީ 10 އަހަރުގެ މެދުކެނޑުމަކަށްފަހު، އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތަކުގައި ދިވެހި ސިފައިންނަށް ތަމްރީނުވުމުގެ ފުރުޞަތު ހުޅުވާލާފައިވާކަން ފާހަގަކުރައްވާ، އިނގިރޭސިވިލާތުން ތަމްރީނުވެފައިވާ ގިނަ ޢަދަދެއްގެ ސިފައިން، އެމްއެންޑީއެފްގެ ވަރަށް އިސް މަޤާމުތަކެއް ފުރުއްވާފައިވާކަމަށާއި މިތަމްރީނުތަކުގެ ބޭނުން ސިފައިން ވަރަށް ރަނގަޅަށް ހިފަމުންދާކަމަށް ވިދާޅުވެފައިވެއެވ.

އަދި ކައުންޓަރޓެރަރިޒަމް، އޭވިއޭޝަން ސެކިއުރިޓީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން އަދި މަސްތުވާތަކެތީގެ ވިޔަފާރިއާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެޤައުމުން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެފަރާތުންވަނީ މަޝްވަރާކުރައްވާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، ޔޫކޭގެ މިނިސްޓަރ އޮފް ސްޓޭޓް ލޯޑު ޠާރިޤް އަޙްމަދު، ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުގައި އެއްބާރުލުން އިތުރަށް ވަރުގަދަކުރަން އިނގިރޭސި ސަރުކާރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ދެއްވާފައިވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.