Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ހަނގުރާމައެއް ފެށިއްޖެ ނަމަ ގެއްލުންވާނެތީ ނަޝީދުގެ ކަންބޮޑުވުން

ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައީސް އޮފީސް

ރަޝީޔާ އާއި ޔޫކްރެއިންއާ ދެމެދު ހަނގުރާމައެއް ފެށިއްޖެ ނަމަ އެކަމުން ރާއްޖެއަށް ގެއްލުންވާނެތީ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ޔޫކްރެއިންގެ ހާލަތާއިމެދު ކަންބޮޑުވާކަމަށެވެ.

ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން އަންނަ ދެ ގައުމުގެ ތެރޭގައި ރަޝިޔާއާއި ޔޫކްރެއިން ހިމެނޭކަން ފާހަގަކޮށް ރައީސް ނަޝިދު ވިދާޅުވީ، ހަނގުރާމައެއް ފެށިއްޖެނަމަ އެކަމުގެ ސަބަބުން ރާއްޖެއަށް ގެއްލުންތަކާ ކުރިމަތިވާނެކަމަށެވެ. އަދި އެކަމާ ސަރުކާރުން ވިސްނުން ގެންގުޅެންޖެހޭކަން ފާހަގަކުރެއްވިއެވެ.

މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އެއް ގައުމަކުން އައިސްފައިވަނީ ރަޝިޔާއިންނެވެ. އަދި މިއަހަރު އެންމެ ގިނައިން ފަތުރުވެރިން އަައިސްފައިވާ 10 ގައުމުގެ ތެރޭގައި ޔޫކްރެއިންވެސް ހިމެނެއެވެ.

މިދިޔަ 2021 ވަނަ އަހަރުވެސް ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ރަޝީޔާއިންނެވެ. އެ ގައުމުން މިދިޔަ އަހަރު ރާއްޖެއަށް 220،213 ފަތުރުވެރިން ޒިޔާރަތްކުރިއެވެ. އަދި ޔޫކްރެއިންއިން މިދިޔަ އަހަރު ރާއްޖެއަށް 34،635 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވަނީ ޔޫކްރެއިންއަށް ދިވެހިން ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ޔޫކްރެއިންގައި މި ވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން އެޤައުމުގެ ސަރުކާރުގެ ނިންމުންތަކާއި އެންގުންތަކަށް ވަރަށް ބޮޑަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރައްވާކަމަށެވެ. ޔޫކްރެއިންގައި މިވަގުތު ތިބި ދިވެހި ރައްޔިތުން، މި މިނިސްޓްރީ އާއި، އެ ޤައުމާ އެންމެ ކައިރީގައި ހުރި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންކަމަށްވާ ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ރެޖިސްޓަރ ކުރުމަށްވެސް ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފައިވެއެވެ.

ރަޝިޔާއާއި ޔޫކްރެއިންގެ މަޝްރަހު ހޫނުވެފައިވާއިރު "ކޮންމެ ވަގުތަކުވެސް" ރަޝިޔާއިން ޔޫކްރެއިނަށް ހަމަލާދީފާނެކަމަށް އެމެރިކާ އާއި އިނގިރޭސިވިލާތުން އަދި ބޮޑެތި އެހެން ބައެއް ގައުމުތަކުންވެސް އަންނަނީ ބުނަމުންނެވެ.

ޔޫކްރެއިންގައި ތިބި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ނެދަލޭންޑްސް، ޖަޕާން، އޮސްޓްރޭލިއާ، ނިއުޒްލަންޑް އަދި ސައުތް ކޮރެއާގެ އިތުރު ބައެއް އިތުރު ގައުމުތަކުގެ ރައްޔިތުންވެސް އެ ގައުމުން ފޭބުމަށް ވަނީ އަންގާފައެވެ.