ވެރިކަމަށް ވަޑައިގަންނަވާ ކުރައްވަން އުޅުއްވާ ކަންކަމާ ހެދި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ މިހާރު ދިވެހި ރައްޔިތުންނަށް ބިރެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކީގައި ނަގާފައިވާ "ރަސްމީ ނޫން" ފޮޓޯއަކާ އެކު ޖަމީލު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެސް މީހަކަށް އެކަނި ރައްޔިތުންގެ ފައިސާ ބޭނުންކުރާނެ ގޮތާއި ވެރިކަން ކުރަންވީ ގޮތް ނުނިންމޭނެ ކަމަށެ.
"ރައީސް ނަޝީދުގެ ހުރިހާ ހާސްކަމަކީ ވެރިކަން ނުލިބިއްޖެ ނަމަ ޖާހަތު ގެއްލޭތީ،" އޭނާ ވިދާޅުވި އެވެ. "މުރައިދޫ ގަނޑުވަރާއި އިމެއް ނެތް ޚަރަދު. ދަހިވެތިކަން ހައްދުން ނައްޓައި ރަންނަމާރި ގޮތަށް ރައްޔިތުންނަށް ބިރަކަށްވެއްޖެ."
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރައްވާ ނަޝީދަށް ނިސްބަތްކުރައްވައި ޖަމީލު މިފަދަ ޝުއޫރުތަކެއް ފާޅުކުރެއްވީ "ވެރިކަމަށް ވަޑައިގެންނެވުމުގެ ބޭނުންފުޅުގައި" ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމުގެ ވާހަކަ އާއި މިހާރު 30 ޕަސެންޓުން ވެސް ވެރިކަމަށް އާދެވިދާނެ ފަދަ ވާހަކަތައް ތަކުރާރުކޮށް ދައްކަވާތީ އެވެ.
އެއްވެސް މީހަކަށް އެކަނި ރައްޔިތުންގެ ފައިސާ އާއި ވެރިކަންކުރަންވީ ގޮތް ނުނިންމޭނެ. ރައީސް ނަޝީދުގެ ހުރިހާ ހާސްކަމަކީ ވެރިކަން ނުލިބިއްޖެނަމަ ޖާހަތު ގެއްލޭތީ. މުރައިދޫ ގަނޑުވަރާއި އިމެއްނެތް ޚަރަދު. ދަހިވެތިކަން ހައްދުން ނައްޓައި ރަންނަމާރި ގޮތަށް ރައްޔިތުންނަށް ބިރަކަށްވެއްޖެ. pic.twitter.com/k3X6TfCEKR
— Mohamed Jameel Ahmed (@MJameelAhmed) February 15, 2022
ނަޝީދާއި އެމްޑީޕީން މިހާރު އަމާޒު ހިފާފައި އޮތީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގާނޫނުއަސާސީ އިސްލާހުކުރަން ހުށަހެޅުމާއި ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ޖުމްލަ ވޯޓްގެ 30 ޕަސެންޓަށް ވުރެ މަދު ނޫން އަދަދަކަށް ވޯޓު ލިބިފައިވާ ނަމަ އެއީ އިންތިހާބު ކާމިޔާބުކުރި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހެޅުމަށެވެ.