ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ފަހު ވަގުތު ކިލިއަން އެމްބާޕޭ ޖެހި ގޯލުން ޕީއެސްޖީން 1-0 އިން ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
ޕީއެސްޖީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި އެމްބާޕޭ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މެސީ ދިން ރީތި ޕާހަކުން އެމްބާޕޭ ކުރިއަށް ފޮނުވާލި ހަމަލާ ދިފާއުކުރީ ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ އެވެ.
މެޗުގެ 62 ވަނަ މިނެޓްގައި އެމްބާޕޭ އަށް ރެއާލްގެ ޑިފެންޑަރު ކަވަހާލް ކުރި ފައުލަކާ ގުޅިގެން ޕީއެސްޖީ އަށް ޕެނަލްޓީއެއް ލިބިފައިވެ އެވެ. ނަމަވެސް މެސީ ފޮނުވާލި އެ ޕެނަލްޓީ ކޯޓުއާ ވަނީ ދިފާއުކޮށްފަ އެވެ. އެ ޕެނަލްޓީ އަށް ފަހު ވެސް ޕީއެސްޖީން ދިޔައީ ރެއާލްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.
އެގޮތުން މެޗުގެ 73 ވަނަ މިނެޓްގައި ބެންޗުން ނޭމާ ކުޅެން އެރުވިއިރު އޭނާއާއެކު ޕީއެސްޖީގެ އެޓޭކުތައް އިތުރަށް ވަނީ ވަރުގަދަ ވެގެން ގޮސްފަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ އެންމެފަހު ވަގުތުކޮޅުތެރޭ ނޭމާ ދިން ޕާހަކުން އެމްބާޕޭ ވަނީ މި މެޗުން ޕީއެސްޖީ މޮޅުވި ގޯލު ކާމިޔާބުކޮށްފަ އެވެ. މި ގޯލު އެމްބާޕޭ ކާމިޔާބުކުރީ ރެއާލްގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު އެވެ.
މި މެޗުގައި ރެއާލްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، މުޅި މެޗުގައި ވެސް ރެއާލް އަށް ޕީއެސްޖީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެ އެވެ.
މި ދެ ޓީމު ރެއާލްގެ ދަނޑުގައި ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ 9 ގަ އެވެ.