Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

28 ފްލެޓްގެ ޝަކުވާތަކާ ގުޅޭ ލިޔުމެއް ދޫކުރަނީ

ހިތަދޫގައި ހަދާފައިވާ ފްލެޓްތަކުގެ ތެރެއިން ދޫނުކޮށް ބާކީ ހުރި 28 ފްލެޓަށް ކުރިމަތިލި މީހުންނަށް ޕޮއިންޓް ލިބުނުގެ ގޮތުގެ ވަގުތީ ލިސްޓާއި އެއަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާތީ ޝަކުވާ ހުށަހަޅާ ފަރާތްތަކަށް ލިޔުމެއް ދޫކުރަން ނިންމާފައިވާ ކަމަށް ކައުންސިލުން ބުނެފި އެވެ.

ކައުންސިލުން ބުނީ ލިސްޓާ ގުޅިގެން ހުށަހަޅާ ޝަކުވާ ފޯމްތައް އެ ޝަކުވާތައް ހުށަހެޅި އަވަށު އޮފީހަކަށް ބަލައިގަތުމަށް ފަހު ފޯމް ބަލައިގަތްކަމުގެ ލިޔުމެއް ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ ޝަކުވާ ހުށަހަޅާ މީހުން އެ ލިޔުން ހޯދުމަށް ސަމާލުކަން ދިނުމަށް އެދިފައިވެ އެވެ. އަދި މިހާތަނަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ލިޔުމާ ހަވާލުނުވެ ތިބި މީހުން މި މަހުގެ 23 ގެ ކުރިން ފޯމް ހުށަހެޅި އޮފީހަކުން ލިޔުމާ ހަވާލުވާން ވެސް ކައުންސިލުން އެދިފައިވެ އެވެ.

ހިތަދޫގައި ހެދި 264 ފްލެޓްގެ ތެރެއިން ދޫނުކޮށް މިހާތަނަށް ހުރި ކެޓަގަރީ A,B,C ގެ 28 ފްލެޓްގެ ވަގުތީ ލިސްޓް ކައުންސިލުން އާންމުކުރީ ހޯމަ ދުވަހުގެ ރެ އެވެ. ލިސްޓް އާންމުކުރީ އެ ފްލެޓްތަކަށް ކުރިމަތިލާން ހުޅުވައިލިތާ ގާތްގަނޑަކަށް ދެ އަހަރު ފަހުންނެވެ. އަދި ލިސްޓް އާންމު ނުކުރެވި ލަސްވީ ކުރިމަތިލި މީހުންގެ ހާލަތު ބެލުމަށް މިހާރުގެ ކައުންސިލުން ނިންމުމާ ގުޅިގެންނެވެ.

މި ފްލެޓްތައް ހާއްސަކުރީ ގުޅިފައިވާ އަވަށްތަކުގެ ރައްޔިތުންނަށެވެ. އެގޮތުން އޭ ކެޓަގަރީން ހިތަދޫ ރައްޔިތުންނަށް 16 ފްލެޓް، B ކެޓަގަރީން މަރަދޫ/މަރަދޫފޭދޫން ރައްޔިތުންނަށް ހަ ފްލެޓްގެ އިތުރުން C ކެޓަގަރީން ފޭދޫ ރައްޔިތުންނަށް ހަ ފްލެޓް ހާއްސަކުރި އެވެ.

މި ފްލެޓްތަކަށް 770 ފަރާތަކުން ކުރިމަތިލި އެވެ.