ރާއްޖޭގެ އިތުރު ހަ ރަށެއްގައި އެއާޕޯޓް ތަރައްގީކޮށްދޭނެ ބަަޔަކު ހޯދަން މިދިޔަ އަހަރުގެ ޑިސެމްބަރު އިއުލާންކޮށްފައި ވަނިކޮށް، ކުރީގެ އަގުތައް ކުޑަކޮށް އަލުން އިއުލާންކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން އަލުން މިކަމަށް ހުޅުވައިލި އިރު މިހާރު ހދ. މަކުނުދޫ އެއާޕޯޓަށް ހޭދަވާނެ ކަމަށް އަންދާޒާކޮށްފައި ވަނީ 23،300،000 ޑޮލަރު، ށ. ބިލެތްފަހި އެއާޕޯޓަށް 23،600،000 ޑޮލަރު، ބ. ތުޅާދޫ އެއާޕޯޓަށް 21،900،000 ޑޮލަރު، ތ. ވިލުފުށި އެއާޕޯޓަށް 33،300،000 ޑޮލަރު، ފ. މަގޫދޫ އެއާޕޯޓަށް 8،200،000 ޑޮލަރު އަދި ވަކި ރަށެއް ކަނޑަނޭޅި ރ. އަތޮޅުގައި ތަރައްގީކުރާ އެއާޕޯޓަށް 23،600،00 ޑޮލަރު އެވެ.
މި އެއާޕޯޓްތައް ތަރައްގީކޮށް ދޭން ޝައުގުވެރިވާ ފަރާތްތަކަށް އަލުން ފުރުސަތު ހުޅުވައިލި އިރު، ގެނައި އެއް ބަދަލަކީ މުޅި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ފައިނޭންސް، ނުވަތަ އެއިން ބައެއް ފައިނޭންސް ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބިދިނުމެވެ. މީގެ އިތުރުން އެއަާޕޯޓް ތަރައްގީ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު، އެ މަޝްރޫއެއްގެ މުބިބިލުގައި، ޓޫރިޒަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކިއުޒިޝަން ކޮސްޓް އަދި އެތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ އެވެ.
އެއަޕޯޓެއްގެ ތަރައްގީ އަށް ފައިނޭންސްކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ 3000،000 ޑޮލަރެވެ.
މި މޮޑެލްގެ ތެރެއިން ދައުވަތަކާ ނުލައި ބިޑްކުރުމުގެ އުސޫލުގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ޖެހެނީ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއަށެވެ. އީމެއިލުން ނަމަ ފޮނުވާނީ [email protected] އަށެވެ. އެކަމަކު ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަން ވަކި މުއްދަތެއް ދީފައެއް ނުވެ އެވެ.
މި އަހަރުގެ ބަޖެޓުގައި އެއާޕޯޓުތައް ތަރައްގީކުރަން 263 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ