Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ޔޫކްރޭނާއި އިންޑިއާގައި ތިބި ދަރިވަރުންގެ ރައްކާތެރިކަމާ ގުޅޭ މައްސަލަ ބޭރުކޮށްލައިފި

މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ޔޫކްރެއިނާއި އިންޑިއާގައި ތިބި ދިވެހި ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ނޮޅިވަރަމު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު (މޮސްޓާ)އެވެ. އެ ކުއްލި މައްސަލަ ބަލައިގަތުމަށް ނުފެންނަ ކަމަށް 17 މެމްބަރުން، ބަލައިގަތުމަށް ފެންނަކަމަށް 7 މެމްބަރުން އަދި ވަކިގޮތަށް ވޯޓު ނުދެއްވާ 1 މެމްބަރަކު އިންނެވިއެވެ.

މެމްބަރު ނަޝީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ރަޝިޔާއާއި ޔޫކްރެއިންގެ މަޝްރަހު ގޯސްވެފައިވާއިރު ރަޝީޔާއިން ޔޫކްރެއިންނަށް ހަމަލާއެއް ދީފާނެކަމަށް ޔޫކްރެއިންގެ ރައީސްވެސް ބުނެފައިވާކަމަށެވެ. އެ ސަރަހައްދުގެ ހާލަތު ގޯސްވެފައިވާއިރު ޔޫކްރެއިންއަކީ ދިވެހި ކިޔަވާ ކުދިން ތިބި ތަނެއްކަން ފާހަގަކޮށް މެމްބަރު ނަޝީދު ވިދާޅުވީ، ހަނގުރާމައެއް ފެށިއްޖެނަމަ އެކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެހެންކަމުން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން އެގައުމުން ބޭރުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ.

މީގެއިތުރުންވެސް ކުއްލި މައްސަލައިގައި ބުނެފައިވަނީ އިންޑިއާގައި ބުރުގާ އެޅި ކުދިން ސުކޫލަށް ވަނަނުދީ ބުރުގާ ނެގުމަށް މަޖުބޫރުކުރަމުން އަންނަ ކަމަށެވެ. އިންޑިއާގައި ދިވެހި ގިނަ ދަރިވަރުން ތިބިކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ ބުރުގާއާ ދެކޮޅަށް ހިނގަމުން އަންނަ ކަންކަމުގައި ދިވެހި ދަރިވަރުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފޮރިން މިނިސްޓަރާއި ސަރުކާރަށް ގޮވާލާކަމަށް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

މި ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުމުން ބަލައިނުގަނެ ބޭރުކޮށްލާފައިވާއިރު، ޔޫކްރެއިންގައި ތިބި ދަރިވަރުން އިއްޔަ ވަނީ އެ ދަރިވަރުންގެ ކަންބޮޑުވުންތައް ހާމަކޮށް ބަޔާނެއް ނެރެފައެވެ.

ޔޫކްރެއިންގެ ހާލަތާއި ގުޅިގެން ފޮރިން މިނިސްޓްރީން ބުނެފައިވަނީ ދަރިވަރުންގެ ހާލަތު ގާތުން ބަލަމުން އަންނަކަމަށާއި، އެގޮތުން ދަރިވަރުންގެ ލީޑަރުުންނާ މުއާމަލާތު ކުރަމުން އަންނަކަމަށެވެ.