Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ހުރިހާ ރަށެއްގައި ތާރުއެޅުން ރަނގަޅެއް ނޫން: އަސްލަމް

ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތާރުއެޅުން ރަނގަޅު ނޫންކަމަށާއި، ރަށްރަށުގައި ޖަޒީރާ ސިފަތައް ދެމެހެއްޓުން މުހިންމު ކަމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކޮލަމާފުށީ މަގުތައް ހެދުމުގެ މަސައްކަތުގެ މައްސަލައިގައި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، ބަނދަރު ހެދުމަށް ކުރިން ޑިމާންޑް އޮތްގޮތަށް މިހާރުގެ ޓްރެންޑަކީ ރަށްރަށުގެ މަގުތަކުގައި ތާރުއެޅުން ކަމަށެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މަގުތަކުގައި ތާރުއެޅުމުގެ ވިސްނުން ގެންގުޅުމަކީ ބުއްދިވެރިކަމެއް ނޫންކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

"ގައުމު ޖަޒީރާ ގައުމެއް ގޮތުގައި އުޅޭއިރު ޖަޒީރާވަންތަ ކަމެއްވެސް އަޅުގަނޑުމެންގެ ރަށްރަށުގައި އެސިފަތައް ވެސް ހުންނަން ޖެހޭ." އަސްލަމް ވިދާޅުވިއެވެ.

ރާއްޖޭގެ ބައެއް ރަށްރަށަކީ ރަށުގެ އެއްކޮޅުގައި ހުރެ ބާރަށް ގޮވައިލުމުން އަނެއްކޮޅުގައި ހުންނަ މީހާ އަށް އަޑު އިވޭހާ ކުޑަ ރަށްތަކެއް ނަމަވެެސް، އެފަދަ ބައެއް ރަށްރަށުންވެސް މަގުތަކުގައި ތާރުއެޅުމަށް ޑިމާންޑް ކުރާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިހާރުވެސް 22 ރަށެއްގެ މަގުތައް ހެދުމަށް ކޮންޓްރެކްޓް ކުރެވިފައިވާކަމަށާއި، އިތުރު 19 ރަށެއްގެ މަގުތަކުގެ މަސައްކަތް ކުރުމަށް ޕްލޭން ކުރެވިފައިވާކަމަށެވެ.