Last Updated: June 14, 14:03
Sunday, June 14, 2026
ޚަބަރު

ގޯތި ދޫކުރުމާ ގުޅޭގޮތުން މެމްބަރުންނާ މަޝްވަރާ ކުރަނީ

ފޮޓޯ: ނިޝާން އަލީ / މިހާރު

މާލެ ސަރަހައްދުން މާލޭގެ ރަށްވެހިންނަށް ގޯތި ދޫކުރުމުގެ އުސޫލާ ގުޅޭގޮތުން މާލޭގެ މެމްބަރުންނާ މަޝްވަރާ ކުރައްވާނެކަން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރު މީކާއިލް ނަސީމް ވަނީ މާލެއިން ގޯތި ދޫކުރައްވާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި ވާހަކައާ ގުޅޭގޮތުން މިނިސްޓަރު އަސްލަމްއާ ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މާލެ ރައްޔިތުންނަށް ގޯތި ދިނުމާގުޅޭ އުސޫލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އަދި އެކަމަކީ މާލޭގެ ރައްޔިތުންނާއި ގުޅުން ބޮޑު ކަމަކަށް ވުމުން އެކަމުގައި މެމްބަރުންގެ ހިޔާލު ހޯއްދަވާނެކަމަށެވެ. މިނިސްޓަރު އަސްލަމް ވިދާޅުވީ އެ އުސޫލުތަކާ ގުޅޭގޮތުން މާލޭގެ މެމްބަރުންނާ އަންނަ ހަފްތާގައި މަޝްވަރާ ކުރައްވާނެކަމަށެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ.

"މިމަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގާ އަޅުގަނޑު ފަށާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ގިރާވަރު ފަޅު ހިއްސާ އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށެވެ. އަދި ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށް ގޮސް ގުޅުވާލެވޭ ތަނަކަށް ވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައަރު ނިންމާނީ އެންމެބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު." ރައީސް ސޯލިހް ވިދާޅުވިއެވެ.