Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

އައްޑޫ ފުލުހުން "ސްޕީޑް ގަން" ބޭނުންކުރަން ފަށައިފި

ފުލުހަކު ހިތަދޫގައި މިއަދު ސްޕީޑް ގަން ބޭނުންކުރަނީ. ފޮޓޯ: އަހުމަދު އާއިޝް ނަސީރު

ފުލުހުން އައްޑޫގެ ގުޅިފައިވާ އަވަށްތަކުގައި މިހާރު ކުރިއަށް ގެންދާ ޓްރެފިކް އޮޕަރޭޝަނުގެ ތެރޭގައި މުޅިން އަލަށް އެންމެ ފަހުގެ "ސްޕީޑް ގަން" ބޭނުން ކުރަން ފަށައިފި އެވެ.

މި ޑިވައިސް އަކީ ބާރު ސްޕީޑްގައި ދުއްވާ މީހުންގެ ފޮޓޮ އާއި ވީޑިއޯ ރެކޯޑްކުރެވޭ އަދި އެފަދަ ވެހިކަލްތަކުގެ ޑޭޓާ ދެނެގަނެ ރެކޯޑްކުރެވޭ އެއްޗެކެވެ.

އައްޑޫގައި ސްޕީޑް ގަން ރަސްމީކޮށް ބޭނުންކުރުން އިފުތިތާހުކުރީ މިއަދު ހިތަދޫ ބޮޑު މަގުގެ ސަރަހައްދެއްގައި ވީސީޕީ ޖަހައިގެންނެވެ. އެ ހަރަކާތުގައި ހިތަދޫ ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު އާމިނަތު ރަޝީދު ގަން ޕޮލިސް ސްޓޭޝަންގެ ކޮމާންޑަރު އަބްދުﷲ އިބްރާހިމް (ޑީޑީ) ވެސް ބައިވެރިވަޑައިގެންނެވި އެވެ.

"މިހާރު ފުލުހުންނަށް ވަނީ މަގުމަތީގެ ރައްކާތެރިކަން ބެލެހެއްޓުމަށްޓަކައި ވަރަށް ގިނަ އިހުތިޔާރުތަކެއް ބާރުތަކެއް ލިބިފައި.
ކުރީގައި އަޅުގަނޑުމެންނަކަށް ނޯވޭ ބާރުބާރަށް ދުއްވައިގެން ނުވަތަ ނުރައްކާތެރިކޮށް ދުއްވައިގެން އެ ހިފަހައްޓާ ވެހިކަލަކަށް މާ ބޮޑެތި ފިޔަވަޅުތަކެއް އެޅޭކަށް. ހަމައެއާ އެކު ވެހިކަލްގެ ވެރިފަރާތް ޖަވާބުދާރީކުރެވޭކަށް ވެސް ނޯވޭ،" ޑީޑީ ވިދާޅުވި އެވެ. "ނަމަވެސް ފަހުން މި އައި ގަވައިދުގައި އެބަހުރި މިފަދަ ފަރާތްތަކަށް އެޅޭނެ ފިޔަވަޅުތަކާ އެއްޗެހި ތަފުސީލުކޮށް ބަޔާންކޮށް ދީފައި. އެހެންވެ އެންމެ ބޮޑު މުގަސަދަކީ މިކަމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުން."

އޭނާ ވިދާޅުވި ގޮތުގައި އައްޑޫގައި "ސްޕީޑް ގަން" ބޭނުންކުރަން ފެށުމުގެ މައިގަނޑު މަގުސަދަކީ ބާރަށް ދުއްވުން ހުއްޓުވައި މި ސިޓީގެ މަގުތަކުގެ އަމާން ރައްކާތެރި ތަންތަނަށް ހެދުން ކަމަށެވެ.

"އެހެންވީމަ މިއަދުން ފެށިގެން ބާރު ސްޕީޑަށް ދުއްވާ އުޅަނދުތަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނަން." ޑީޑީ ވިދާޅުވި އެވެ.

ފުލުހުން ބުނި ގޮތުގައި "ސްޕީޑް ގަން" ބޭނުންކުރަން ފެށީ އައްޑޫގެ މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން މިހާރަށް ވުރެ ބޮޑަށް ކަށަވަރުކޮށްދީ، ބާރު ސްޕީޑްގައި ދުއްވައި ޓްރެފިކް ގަވައިދާ ހިލާފުވާ މީހުން ފަސޭހައިން ދެނެގަތުމުގެ ގޮތުންނެވެ. އެގޮތުން ޓްރެެފިކް އޮޕަރޭޝަންތަކުގައި ސްޕީޑް ގަން ބޭނުންުރަން ފެށުމުން ބާރު ސްޕީޑްގައި ނުރައްކާވާ ގޮށް ދުއްވާ މައްސަލަ ވަރަށް ބޮޑަށް ހައްލުވާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ފުލުހުން ބުންޏެވެ.

އައްޑޫ ފާހަގަކޮށްލެވެނީ ބާރު ސްޕީޑްގައި ދުއްވުމުގެ މައްސަލަ ބޮޑު އަދި އެކަމާ ގުޅިގެން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުން ރާއްޖޭގައި އެންމެ ތަނުގެ ގޮތުގަ އެވެ. އަދި އެފަދަ ހާދިސާތަކުގައި މިހާތަނަށް އެތައް ބަޔަކު މަރުވެފައިވާ އިރު، އެކްސިޑެންޓްތަކުގައި ލިބުނު ގެއްލުންތަކުން ބައެއް މީހުން ނުކުޅެދޭ މީހުންނަށް ވެސް ވެފައިވެ އެވެ.

އައްޑޫގައި މިއަދު ފުލުހުން "ސްޕީޑް ގަން" ބޭނުންކުރަން ފެށި އިރު، ވެރިރަށް މާލޭގައި މީގެ އެންމެ ފަހުގެ ޓެކްނޮލޮޖީ އެކުލެވޭ ޑިވައިސް ބޭނުންކުރަން ފެށީ އޮގަސްޓް 22، 2019 ގަ އެވެ. އަދި އެންމެ ފުރަތަމަ ރާއްޖެ އަށް "ސްޕީޑް ގަން" ތައާރަފުކުރީ 2004 ގަ އެވެ.