ދިވެހި ޕްރިމިއާ ލީގު 2022 ގެ ޓައިޓަލް ސްޕޮންސަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.
އުރީދޫ ހެޑް އޮފީހުގައި ބޭއްވި ހާއްސަ އިވެންޓެއްގައި ޕާޓްނާޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ، ޙާލިދް އަަލް-ހަމާދީ އަދި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.
އުރީދޫގެ ސީއީއޯ ވިދާޅުވީ ފުޓުބޯޅައިގެ ރޫހަކީ މުޖުތަމައުތަަކުގައި އެއްބައިވަންތަކަން ދިރުވައިދޭ ފޯރިގަދަ ކުޅިވަރެއް ކަމަށާއި އެހެންކަމުން، ދިވެހިންނެކޭ އެއްފަދައިން ފުޓުބޯޅައަކީ އުރީދޫ އާއި ވެސް ގާތް ގުޅުމެއް އޮންނަަ ކުޅިވަރެއް ކަމަށެވެ.
"މި ޕަަރޓްނަރޝިޕާއި އެކު އެފްއޭއެމްއާ ގުޅިގެން ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ހުރި ފުރުސަތުތައް އިތުރަށް ފަހިކޮށްދީ، ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން އަރުވަން." އުރީދޫގެ ސީއީއޯ ވިދާޅުވި އެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޕްރޮފެޝަނަލް ކުޅުންތެރިންގެ އިތުރުން ކުޅިވަރަށް ލޯބިކުރާ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުކޮށް ހުނަރު ބިނާކުރުމަށް މަގުފަހިކޮށްދިނުމުގައި އުރީދޫ އިން ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
އެގޮތުން ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ 13 ވަނަ އެޑިޝަންގެ ޓައިޓަލް ސްޕޮންސަރަކީވެސް އުރީދޫ މޯލްޑިވްސް އެވެ. ޓައިޓަލް ސްޕޮންސަރގެ ހައިސިއްޔަތުން އުރީދޫއިން ވަނީ 2021 ވަނަ އަހަރުގެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މި އިވެންޓް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދީ، އިތުރަށް ފޯރިގަދަކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގާފަ އެވެ.