Last Updated: June 23, 09:20
Tuesday, June 23, 2026
ޚަބަރު

ފޭދޫ ޗަސްބިންތައް ހިއްކުން ހުއްޓުމުން ނިހާދުގެ ކަންބޮޑުވުން

އައްޑޫ ފޭދޫގެ ޗަސްބިންތައް ހިއްކުން ހުއްޓިފައިވާތީ އެ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޗަސްބިންތައް ހިއްކުމުގެ އަމަލީ މަސައްކަތް ނިހާދު ވެސް ބައިވެރިވެވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައި ފެށީ މި މަހުގެ 1 ގަ އެވެ. އެ ދުވަހު އޭނާ ވިދާޅުވީ ފޭދޫގެ ޗަސްބިންތައް ހިއްކައި ދިނުމަކީ ރައްޔިތުންނަށްވެފައި އޮތް ވައުދެއް ކަމަށާއި އެ މަސައްކަތް ފެށިގެން ދިއުމުން އުފާކުރައްވާ ކަމަށެވެ.

ނަމަވެސް މަސައްކަތް ފެށިތަނާހެން މިހާރު އޮތީ އެކަން ހުއްޓިފަ އެވެ.

މިކަމާ ކަންބޮޑުވުން ފާޅުކުރައްވައި ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަށް އަވަސް ފަރުވާއެއް ހޯދަން އާދޭސްކުރައްވާ ކަމަށާއި ރައްޔިތުންނަށް އެކަން ކޮށްދެއްވާނެ ކަމަށެވެ.

"ކޮންމެ ކަމެއް ހުއްޓުވަން މަސައްކަތްކުރުމަކީ އާދަޔަކަށްވުމަށް ވުރެ އަޅުގަނޑަށް ހީވަނީ [މިއީ] ބައްޔެއްހެން،" އޭނާ ވިދާޅުވި އެވެ. "ގޮންޖެހުން ހުރަސްކޮށް ރައްޔިތުންނަށް މިކަން [ޗަސްބިންތައް ހިއްކުން] ކޮށްދޭނަން."

ކައުންސިލުން ބުނި ގޮތުގައި އެ މަސައްކަތް މިހާރު ހުއްޓިފައި އޮތީ ކުރިން އެ މަސައްކަތާ ހަވާލުވި ކައުންސިލްގެ ޕަބްލިކް ވޯކްސް ޔުނިޓަށް ދިމާވެފައި ހުރި ބައެއް ދަތިތަކާ ހެދި އެވެ. އެގޮތުން ހިތަދޫން ފޭދު އަށް ވެލި ގެނެސް މަސައްކަތްކުރާ ނަމަ މުވައްޒަފުންނާއި ވެހިކަލްގެ ދަތިކަން ހުރި ކަމަށް ބުންޏެވެ.

އެހެންވެ މިހާރު ނިންމާފައި އޮތީ ފޭދޫން ވެލި ނަގައިގެން މިކަން، އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ގޮތަށެވެ.

ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރު އައިމިނަތު ސަލްމާ ވިދާޅުވި ގޮތުގައި އެކަން މިހާރު އޮތީ އީޕީއޭ އަށް ހުށަހަޅައިފަ އެވެ. އެހެންވެ ފޭދޫން ވެލި ނަގަން އެތަނުން ހުއްދަ ލިބުނުހާ އަވަހަކަށް، މަސައްކަތްކުރާނެ ބަޔަކު ހޯދަން އިއުލާންކޮށް ޗަސްބިންތައް އަލުން ހިއްކަން ފެށޭނެ ކަމަށް ވިދާޅުވި އެވެ.

ހަތަރު މިލިއަން ރުފިޔާ ހަރަދުކޮށްގެން ފޭދޫގެ ޗަސްބިމުގެ 14 ކޮއްޓެއް ހިއްކަން ހަމަޖެހިފައިވެ އެވެ. އަދި މި މަސައްކަތް ނިންމަން އޮތީ މަސައްކަތް ފަށާތާ ތިން މަހުގެ ތެރޭގަ އެވެ.