މި އަހަރު ކުރިއަށް ގެންދަން ނިންމާފައިވާ ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާނެ މީހުން ހޯދަން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިކްސް އިން މިއަދު އިއުލާންކޮށްފި އެވެ.
އެތަނުން ބުނީ މި އަހަރުގެ ސެޕްޓެމްބަރު 13 އާއި 14 އަދި އެ މަހުގެ 17-25 އަށް ކުރިއަށް ގެންދާ ބޯހިމެނުމުގައި ޓްރޭނަރުންނާއި އެނިއުމަރޭޓަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މެއި މަހުގެ 31 އަށް ހުޅުވާލާފައިވާ ކަމަށެވެ. ޓްރެއިނަރުންނާއި އެނިއުމޭޓަރުންގެ ގޮތުގައި 4،400 މީހުން ބޭނުންވެ އެވެ.
ބޯހިމެނުމުގެ މަސައްކަތުގައި ބައިވެރިވާ މީހުންނަށް އެއް ހަފުތާގެ ތަމްރީނެއް ދޭން ހަމަޖެހިފައިވާ އިރު، ރަށްރަށުގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ޖުލައި އަދި އޮގަސްޓް މަހުގެ ތެރޭގައެވެ. މާލޭގައި ތަމްރީނު ދިނުމަށް ހަމަޖެހިފައި ވަނީ އޯގަސްޓާއި ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީނުތަކުގެ ދުވަސްވަރުގަ އާއި ބޯހިމެނުމުގެ މަސައްކަތުގައި އުޅޭ ދުވަސްތަކަށް އެލަވަންސެއް ދޭނެ އެވެ. އެލަވަންސް ދޭން ހަމަޖެހިފައި ވަނީ ތަމްރީނު ފުރިހަމަކޮށްް، ބޯހިމެނުމުގެ މަސައްކަތް ފުރިހަމަކޮށް ނިމުނީމަ އެވެ.
އެހެންވެ ޝައުގުވެރިވާ މީހުންނަށް މި ލިންކް މެދުވެރިކޮށްhttp://statisticsmaldives.gov.mv/applicationform/census2022 އެޕްލައިކުރެވޭނެ އެވެ. އިތުރު މައުލޫމާތު 3008400/3008408 އިން ހޯދޭނެ އެވެ.