ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) އިން ކުރިއަށް ގެންދާ ހަރަކާތްތަކުގެ މައުލޫމާތު އާންމުންނަށް ފޯރުކޮށް ދިނުމަށްޓަކައި އެތަނާ ގުޅިގެން މަސައްކަތްކުރާނެ އޮންލައިން ނޫހެއް ހޯދަން އިއުލާންކޮށްފި އެވެ.
އައިޔޫއެމުން ބުނީ އެއް އަހަރު ދުވަހުގެ މުއްދަތަށް ދެ ފަރާތުގެ މެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކަތްކޮށް ދޭން ޝައުގުވެރިވާ ނޫސްތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 2 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ ޕްރީ-ބިޑް މީޓިން މި މަހުގެ 23 ގައި އޮންނާނެ އެވެ.
އިތުރު މައުލޫމާތު ޔުނިވަސިޓީގެ [email protected] މެއިލް މެދުވެރިކޮށް ސާފުކުރެވޭނެ އެވެ.
އައިޔޫއެމުން ބުނި ގޮތުގައި މިކަމަށް ކުރިމަތިލާ އޮންލައިން ނޫސްތަކުގެ ތެރެއިން އެކަން ކާމިޔާބު ކުރާ ނޫހަކުން ހުށަހަޅާ އަގު ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 10 ވަނަ ބާބުގެ ޖަދުވަލު 1 ގެ 5 ވަނަ ނަންބަރުގައިވާ މިންވަރަށް ވުރެ ބޮޑު ނަމަ ޕަފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ ފަސް ޕަސަންޓް ކަމަށެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ތައުލީމީ އެއް މުއައްސަސާ އަށް އޮންލައިން ނޫހެއްގެ އެހީތެރިކަން ހޯދަން އިއުލާންކުރި އިރު، ރާއްޖޭގައި މިހާރު ގިނަ އަދަދެއްގެ އޮންލައިން ނޫސްތައް ހިންގަ އެވެ.