Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އިނގިރޭސި ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި

އިނގިރޭސިވިލާތުގެ ހައި ކޮމިޝަނެއް ރާއްޖޭގައި ހުޅުވައިފި އެވެ.

ރާއްޖޭގައި ގާއިމްކުރި އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ހުޅުވައިދެއްވީ ރާއްޖެއަށް މިހާރު ރަސްމީ ދަތުރެއްކުރައްވަމުން ގެންދަވާ އިނގިރޭސި ސަރުކާރުގެ ފޮރިން، ކޮމަންވެލްތު އަދި ޑެވެލޮޕްމަންޓް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ ސައުތު އެންޑް ސެންޓްރަލް އޭޝިއާ، ޔުނައިޓެޑް ނޭޝަންސް އެންޑް ކޮމަންވެލްތު ލޯޑް ތާރިގް އަހްމަދާއި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.

އެތަން ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގައި އިނގިރޭސިވިލާތުގެ ހައިކޮމިޝަން ހުޅުވުމަކީ ދެ ގައުމުން ވެސް އިތުރަށް ގުޅުން ބަދަހިކުރަން ބޭނުންވާކަން ހާމަކޮށްދޭ ކަމެއް ކަމަށެވެ. އަދި އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުންނާއި ސިޔާސީ ގޮތުން ވެސް ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކުގައި އިނގިރޭސިވިލާތަކީ މުހިންމު ބައިވެރިއެއްކަމަށް ޝާހިދު ވިދާޅުވި އެވެ.

މި ވަގުތު ރާއްޖޭގައި ހުންނަވާ އިނގިރޭސި ހައި ކޮމިޝަނަރަކީ ކެރޮން ރޮސްލާ އެވެ.

ރާއްޖޭގައި ހުޅުބި އިނގިރޭސި ހައި ކޮމިޝަނަކީ ޔޫރަޕްގެ ގައުމަކުން ރާއްޖޭގައި ހުޅުވި ފުރަތަމަ ޑިޕްލޮމެޓިކް މިޝަނެވެ.