Last Updated: May 11, 21:25
Saturday, May 11, 2024
ޚަބަރު

މި އަހަރު އިތުރު ދެ އެއާޕޯޓް ހުޅުވޭނެ: ރައީސް

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް-- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ތެރޭގައި އަދި އިތުރު ދެ އެއަރޕޯޓް ހުޅުވިގެންދާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޅ. މަޑިވަރު އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ މިއަހަރު ގދ. ފަރެސްމާތޮޑާ އެއަރޕޯޓާއި، މ. މުލީ އެއަރޕޯޓް ހުޅުވޭނެެ ކަމަަށެވެ. އޭގެއިތުރުން، 6 އެއަރޕޯޓެއްގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައިކަން އެމަނިކުފާނު ފާހަގަ ކުރެއްވެވި އެވެ.

މިއަދު މަޑިވަރު އެއާޕޯޓް ހުޅުވުމާއެކުގައި، މާލެއިން އުތުރުގެ ކޮންމެ އަތޮޅެއްގައި މިއަދު ވަނީ އެއަރޕޯޓެއް ހުޅުވިފައި ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، އެމަނިކުފާނުގެ ރިޔާސީ މެނިފެސްޓޯގައިވެސް އޮތް ފަދައިން، މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް، 30 މިނިޓުން ދެވޭ ހިސާބުގައި، އެއަރޕޯޓުތައް ޤާއިމުކުރުން ކަމަށެވެ.

ދެހާސް އަށާވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އަޅަން ނިންމައި މަސައްކަތް ހަވާލު ކޮށްފައިވާ މަޑިވަރު މި އެއަރޕޯޓާ އެކުގައި ފާދިއްޕޮޅަށް އިތުރު ތަރައްޤީ ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މި އަތޮޅުގައި މިހާރުވެސް 11 ރިޒޯޓް އެބައޮތް. 2818 އެނދާއެކު. އިތުރު 4 ރިޒޯޓް މިހާރުވެސް ތަރައްޤީ ކުރެވެމުން އެބަދޭ. ނިމުމާ އެކީގައި، މި އަތޮޅުގައި 3975 އެނދު ހިމެނޭ ޓޫރިޒަމް އިންޑަސްޓްރީއެއް ފައްކާވެފައި އޮންނާނެ. އަޅުގަނޑު ހިތުން މިއީ އިޤްތިޞާދެއް ކުރިއެރުވުމަށްޓަކައި ރަނގަޅު ޢަދަދެއް،" ރައީސް ވިދާޅުވި އެވެ.

މަޑިވަރު އެއާޕޯޓް އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓެއްގައި އޮތް ނަމަވެސް، އެެއާޕޯޓް ހެދި ކުންފުނީގެ ޗެއާމަން އުއްޗުގެ ވިސްނުމުގައި އޮތީ، މިތަން ބޮޑުކޮށް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް އެތަން ބަދަލުކުރުން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގައި ވިޔަފާރި ކުރަން ބޭނުންވާ ދިވެހި ވިޔަފާރިވެރިންނަށް ވީހާވެސް ފަސޭހަ ގޮތްތައް ހޯދައިދިނުން ކަމަށާއި ޤައުމު ތަރައްޤީވެގެންދާނީ ސަރުކާރާއި އަމިއްލަ ވިޔަފާރިވެރިން ގުޅިގެން އެކުގައި މަސައްކަތްކޮށްގެން ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށްވެސް މި ޖަލްސާގައި ރައީސް ވިދާޅުވިއެވެ.

"އެހެންވީމާ، ސަރުކާރުގެ ސިޔާސަތުތައް މިއަދު ބައްޓަން ކުރަމުން މިގެންދަނީ، އަމިއްލަ ވިޔަފާރިވެރިންނަށް ކުރިމަތިވެފައި ހުރި ދަތިތައް ނައްތާލައި، ފަސޭހަގޮތްތައް ޤާނޫނާއި ގަވާއިދުގެ ތެރެއިން ހޯދައިދިނުމަށް. މިކަމުގައި އަޅުގަނޑުމެން ކުރިއަށްދާނެކަމުގެ ޔަޤީންކަން، މިތާ މިތިއްބެވި ވިޔަފާރިވެރިންނަށް އަޅުގަނޑު މިއަދުވެސް އަރުވަން،" ރައީސް ވިދާޅުވި އެވެ.

މީގެ އިތުރުން އެއްރަށް އަނެއްރަށާ ގުޅައި، އެއް އަތޮޅު އަނެއް އަތޮޅާ ގުޅިގެން ދިޔުމަކީ، ލާމަރުކަޒީ ނިޒާމުން ރާއްޖެ ތަރައްޤީ ކުރުމުގައި، އެންމެ ބޮޑަށް ބޭނުންވެފައި އޮތް ކަމެއް. ކަމަށް ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ މިއަދު ކުރެއްދޫ ހޯލްޑިންގްސްގެ ފަރާތުން އެއާޕޯޓެއް ތަރައްގީކޮށް ދިނުމަކީ ރާއްޖެ ތަރައްޤީ ކުރުމުގައި ގެންގުޅޭ ސިޔާސަތުގައި ކުރިއަށްދިޔުމަށްޓަކައި އަނެއްކާވެސް ކުރިއަށް އެޅުނު އިތުރު ފިޔަވަޅެއް ކަމަށެވެ.

މަޑިވަރުގައި އެއަރޕޯޓެއް އެޅުމަކީ، މީގެ ގާތްގަނޑަކަށް 16 އަހަރު ކުރިން، ދިވެހި ސަރުކާރުން ނިންމާފައި އޮތް ނިންމުމެއް ކަމަށާއި މިއަދު އެކަން ހަގީގަތަކަށް ވުމަކީ އެމަނިކުފާނަށްވެސް ލިބުނު ވަރަށް ބޮޑު އުފަލަކާ ފަހްރެއް ކަމަަށް ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.