Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

މާލެ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް ގޮވާލައިފި

މާލެ ރައްޔިތުންނަށް ހުޅުމާލެއިން ގޯތި ލިބެންވާނީ ހިލޭކަމަށް މާލެސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، ރާއްޖޭގެ އެހެން ރައްތަކުން އެ ރަށެއްގެ ބިން ހިއްކާފައި ރައްޔިތުންނަށް ހިލޭ ދޭއިރު މާލޭއިން ބިން ހިއްކާފައި ވިއްކުމަކީ ހަމަހަމަކަން ނެތިގެންދާކަމެއްކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ސަރުކާރަށް ގިވާލަން، ހުޅުމާލެއިން މާލެ ރައްޔިތުންނަށް ހާއްސަކޮށްފައިވާކަމަށް މީޑިއާއިން މައުލޫމާތު ލިބޭ 1000 ގޯތި މާލެ ރައްޔިތުންނަށް ހިލޭ ދެއްވުމަށް." މުއިއްޒު ވިދާޅުވެފައިވެއެވެ.

މުއިއްޒު ވަނީ އެ ބިންތަކުގެ އަގު ރިކަވާ ކުރުމަށް އެހެން ބިންތަކާ ވިޔަފާރި މުއާމަލާތްތަކުން ފައިސާ ހޯދުމަށް ގޮވާލާފައެވެ. އަދި މާލެ ރައްޔިތުންނަށް ހާއްސަކުރާ ގޯތިތައް އެހެން ރަށްރަށުގައި ދެއްވާހެން ހިލޭ ދިނުމަށް ގޮވާލާފައިވެއެވެ.

ހަތް އަހަރު ހައުސިން މިނިސްޓަރުކަންވެސް ކުރައްވާފައިވާ މޭޔަރު މުއިއްޒު މިފަދައިން ވިދާޅުވެފައިވާއިރު ގޯތީގެ ގޮތުގައި ދޫކުރާ ބިންތައް ވިއްކުމާބެހޭ އެއްވެސް ވާހަކައެއް ސަރުކާރުން ދައްކާފައެއް ނުވެއެވެ. އަދި މޭޔަރު މުއިއްޒު މިފަދަ ގޮތަކަށް ހާއްސަކޮށް މިވާހަކަ ދައްކަވަންޖެހުނު ސަބަބެއްވެސް ސާފެއްނުވެއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދެއްވާނެކަމަށެވެ. ގޯތި ވިއްކުމާބެހޭ ވާހަކައެއް އެމަނިކުފާނު ދައްކަވާފައެއް ނުވެއެވެ.