އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ފަހު ވަގުތު ހެރީ ކޭން ކާމިޔާބުކުރި ގޯލުން 3-2 އިން މެންޗެސްޓާ ސިޓީގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދައިފި އެވެ.
މި މެޗުން ބަލިވި ނަމަވެސް 26 މެޗުން ލިބުނު 63 ޕޮއިންޓާ އެކު ސިޓީ އޮތީ ލީގުގެ އެއްވަނައިގަ އެވެ. ދެވަނައިގައި 25 މެޗުން ލިބުނު 57 ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު މިރޭގެ މެޗުން މޮޅުވި ޓޮޓެންހަމް އޮތީ 23 މެޗުން ލިބުނު 39 ޕޮއިންޓާ އެކު ލީގުގެ ހަތްވަނައިގަ އެވެ.
ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަތަރުވަނަ މިނެޓްގައި ޓޮޓެންހަމް އިން ވަނީ ލީޑު ނަގާފަ އެވެ. އެގޮތުން ސޮން ދިން ޕާހަކުން މި ގޯލު ޓޮޓެންހަމް އަށް ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާގައި ޔުވެންޓަސް އިން އެޓީމާ ގުޅުނު މިޑްފީލްޑަރު ޑޭޖާން ކުލުސެވްސްކީ އެވެ. މިއީ ޓޮޓެންހަމްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
މި ގޯލަށްފަހު ޓޮޓެންހަމް އިން ޑިފެންސިވް ގޭމެއް ކުޅުނުއިރު މެޗުގެ 33 ވަނަ މިނެޓްގައި ގުންޑޮގާން ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ގުންޑޮގާން މި ގޯލު ކާމިޔާބުކުރީ ޓޮޓެންހަމްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއް އެޓީމުގެ ގޯލްކީޕަރު ހޫގޯ ލޮރިސް އަތުން ވެއްޓުމުން ކުރިއަށް ފޮނުވާލައިގެންނެވެ.
ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު މެޗުގައި ދެވަނަ ފަހަރަށް ވެސް ލީޑު ނެގީ ޓޮޓެންހަމް އިންނެވެ. އެގޮތުން ސޮން ނަގައިދިން ހުރަހަކުން މި ގޯލު މެޗުގެ 59 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިދިޔަ ޓްރާންސްފާ މާކެޓުގައި ސިޓީން ގެންނަން މަސައްކަތް ކުރި އިތުބާރު ފޯވާޑް ހެރީ ކޭން އެވެ.
މި ގޯލާއެކު ސިޓީން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުއިރު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުން ރިޔާދު މަހްރޭޒް ވަނީ ސިޓީ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ސިޓީ އަށް މި ޕެނަލްޓީ ލިބުނީ ޓޮޓެންހަމްގެ ޑިފެންޑަރު ރޮމޭރޯގެ އަތުގައި ޕެނަލްޓީއޭރިއާ ތެރެއިން ބޯޅަ ޖެހުމާ ގުޅިގެންނެވެ.
ސިޓީން ނަތީޖާ އެއްވަރުކުރިތާ ތިން މިނެޓްފަހުން ކޭން ވަނީ ޓޮޓެންހަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ. މި ގޯލު ކޭން ކާމިޔާބުކުރީ ސިޓީގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ކުރިއަށް ފޮނުވާލައިގެންނެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހަށްފަހު ލީގުގައި ސިޓީ ބަލިވި ފުރަތަމަ މެޗުކަން ފާހަގަކޮށްލެވެ އެވެ. އަދި މިއީ ލީގުގައި ސިޓީ ބަލިވި ތިންވަނަ މެޗެވެ.