ފ. ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާ ގާތަށް ގޮސްފިއެވެ.
އެ މަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ބުނެފައިވަނީ ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ 90 ޕަސެންޓް މަސައްކަތް ނިމިފައިވާކަމަށެވެ. މި މަޝްރޫއުގެ ތެރެއިން ބޭރުތޮށި ލުމުގެ 85 ޕަސެންޓް މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އަދި މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ވާކަމަށްވެސް ބުނެފައިވެއެވެ.
މި މަޝްރޫޢުގެ ދަށުން، 46,600 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 253 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 410 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 64 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 2500 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ދަރަނބޫދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަކީ 40.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.