"ޓުރުތު ސޯޝަލް" ގެ ނަމުގައި މުޅިން އާ ސޯޝަލް މީޑިއާ އެޕެއް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރްމަޕް މާދަމާ ލޯންޗްކުރައްވާ ގޮތަށް އޮތް ނަމަވެސް އެކަން ފަސްކޮށްފި އެވެ.
ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މައިގަނޑު ގޮތެއްގައި ޓްވިޓާ "ނަކަލުކޮށްގެން" ހަދާފައިވާ އެޕް އަންނަ މަހަށް ފަސްކުރީ އޭގެ ޑިވެލޮޕްމަންޓް ސްޓޭޖްގައި ދިމާވެފައި ހުރި ޓެކްނިކަލް މައްސަލަތަކެއް ހައްލުކުރަން އަދިވެސް ވަގުތު ނަގާތީ އެވެ. އެޕަލްގެ އެޕް ސްޓޯރުގައި ވެސް ލިސްޓްކޮށްފައިވާ "ޓުރުތު ސޯޝަލް" ލޯންޗްކުރުން އަންނަ މަހަށް ފަސްކުރި އިރު، އޭގެ ބީޓާ ޓެސްޓިން މަރުހަލާ ކުރިއަށް ދަނީ 500 ޔޫޒަރުންނާ އެކީގަ އެވެ.
މިހާރުގެ އެންމެ ވަރުގަދަ ސޯޝަލް ޕްލެޓްފޯމްތައް "އިނދަޖައްސައިލާ" ވަރުގެ އެޕެއްގެ ގޮތުގައި ޓްރަމްޕްގެ "ޓުރުތު ސޯޝަލް" ލޯންޗްކުރަން އުޅޭ ވާހަކަ އިއުލާންކުރެއްވީ މިދިޔަ އަހަރުގެ އޮކްޓޯބަރު ގަ އެވެ. އެ އެޕަކީ އެކަމަށް ހާއްސަ ކޮށްގެން އުފެއްދި ޓްރަމްޕްގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޓްރަމްޕް މީޑިއާ އެންޑް ޓެކްނޮލޮޖީ ގްރޫޕް (ޓީއެމްޓީޖީ) ގެ ދަށުން ހިންގާނެ އެއްޗެކެވެ.
And there is is…
Trump is launching a social media network called “TRUTH Social,” the former President announced tonight. pic.twitter.com/4IIJ1CUXHe
— Donie O'Sullivan (@donie) October 21, 2021
ވެރިކަން ކުރެއްވި ދުވަސްވަރު ސަރުކާރުގެ ސިޔާސަތުތައް މައިގަނޑު ގޮތެއްގައި ޓްވިޓާ މެދުވެރިކޮށް ހާމަކުރައްވި ޓްރަމްޕް ވިދާޅުވި ގޮތުގައި އޭނަގެ "ޓުރުތު ސޯޝަލް" އަކީ މިހާރުގެ ބޮޑެތި ޓެކް ކުންފުނިތަކާއި އެ މީހުންގެ އެޕްތަކަށް ގޮންޖަހައިލާނެ އެއްޗެކެވެ.
އަމިއްލަ އާ އެޕެއް ޓްރަމްޕް ލޯންޗްކުރަން ނިންމެވީ މިދިޔަ އަހަރު ގެ މެއިގައި ސޯޝަލް އެޕެއްގެ ގޮތުގައި ބްލޮގެއް ލޯންޗްކޮށް މަސް ދުވަސް ފަހުން އެ ހުއްޓާލާފައި ވަނިކޮށެވެ. އަދި މިދިޔަ އަހަރުގެ ޖުލައިގެ ތެރޭގައި އޭނަގެ ސޯޝަލް މީޑިއާ ޓީމުން "ގެޓާ" ގެ ނަމުގައި ވެސް އެޕެއް ލޯންޗްކުރި އެވެ. އާ އެޕް "ސޯޝަލް ޓުރުތު" އަކީ އެއާ ގުޅުވައިގެން ގެނެސްދޭ އެއްޗެކެވެ.
"ޓުރުތު ސޯޝަލް" ލޯންޗްކުރުން ފަސްކުރި ނަމަވެސް މިކަމާ ބެހޭ ގޮތުން ޓީއެމްޓީޖީން އަދި ވަކި އެއްޗެއް ނުބުނެ އެވެ.
ޓްރަމްޕް އަމިއްލަ ސޯޝަލް އެޕެއް ހެދުމުގެ މަސައްކަތް ފެއްޓެވީ މިދިޔަ އަހަރުގެ ކުރީކޮޅު ޓްވިޓާ އާއި ފޭސްބުކާއި އެހެން ވެސް ގިނަ ޕްލެޓްފޯމްތަކުން އޭނާ ބޭރުކޮށްލުމުންނެވެ. ސަބަބަކީ ވެރިކަމުގެ ދެވަނަ ދައުރެއް ލިބިވަޑައިނުގަތުމުން ސަޕޯޓަރުންނަށް ހިތްވަރު ދެއްވައިގެން، އެމެރިކާގެ ގާނޫނު ހަދާ މަލިޖިސް ހިންގާ ކެޕިޓޮލް ހިލް އަށް މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 6 ގައި ބޮޑެތި ގެއްލުންތަކެއް ދިނުމެވެ.