ޕްލޭން މިނިސްޓްރީން އައްޑު އަށް ހެވީ ވެހިކަލްތަކާއި އެފަދަ އެއްޗެހި މަރާމާތުކުރަން ބޭނުންވާ ސާނާމުތަކެއް ހަދިޔާކޮށްފި އެވެ.
އޭގެ ތެރެއިން ބައެއް ތަކެތި މިހާރު އައްޑު އަށް ގެނެސްފައިވާ އިރު މި ތަކެއްޗަކީ އައްޑޫ ސިޓީ ކައުންސިލްގެ އެދުމުގެ މަތިން، މުނިސިޕަލްގެ މަަސައްކަތްތަކަށް މިނިސްޓްރީން ހަދިޔާކުރި ތަކެތި ކަމަށް މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ހަދިޔާކުރި ތަކެތީގެ އަގު 10-15 މިލިއަނަށް އަރާނެ ކަމަށެވެ.
"މިކަމުގައި އެހީތެރިވެ ދެއްވި ހުރިހާ ފަރާތްތަކަކަށް ކައުންސިލްގެ ނަމުގައި ޝުކުރު ވެސް އަދާކުރަން." މޭޔަރު ވިދާޅުވި އެވެ.
އައްޑޫ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވި ގޮތުގައި ސަރުކާރުން ހަދިޔާކުރި ހެވީ ވެހިކަލްތަކާއި ސްޕެއާ އަކީ ދާދި ފަހުން ކައުންސިލުން މާލެ އަށް ކުރި ދަތުރުގެ ތެރޭގައި ވެސް ޕްލޭނިން މިނިސްޓްރީ އާއި ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް ހުށަހެޅި ހުށަހެޅުންތަކާ ގުޅިގެން ލިބުނު ތަކެތި ކަމަށެވެ.
އައްޑު އަށް ޕްލޭނިން މިނިސްޓްރީން އަށް ހެވީ ވެހިކަލްތަކާއި ސްޕެއާތަކެއް ހަދިޔާކުރި އިރު، އައްޑޫގެ މުނިސިޕަލްގެ މަސައްކަތްތަކަށް ވެހިކަލްތަކުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެ، ކުރިއަށް ގެންދާ އެކިއެކި މަސައްކަތްތަކަށް ވެސް ދަތިވެފައިވެ އެވެ.
މިފަދަ ސާމާނުތަކެއް އައްޑު އަށް ސަރުކާރުން ހަދިޔާކޮށްފައި މި ވަނީ ކުރިން އައްޑު އަށް ގެނެސްފައި ހުރި ބައެއް ހެވީ ވެހިކަލްތައް މާލެ އަށް ގެންގޮސްފައި ވަނިކޮށެވެ. ދާދި ފަހުން ވެސް އައްޑޫގައި ހުރި ހެވީ ވެހިކަލްތަކެއް މާލެ ގެންދަން ބާޖަރަކަށް އަރުވާފައި ހުއްޓައި ހިތަދޫގެ ބަޔަކު ނުކުމެ އެކަން ހުއްޓުވާފައިވެ އެވެ.