ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުން އަންނަކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފިއެވެ.
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޖޭއެސްސީއިން ނިންމާފައިވަނީ 04 އޮކްޓޯބަރު 2020 ވަނަ ދުވަހުއެވެ.
ޖޭއެސްސީއިން ބުނެފައިވަނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ މަސައްކަތުގެ ތެރެއިން، އެ ކޯޓު އުފެދިފައިވާ ގޮތުގެ ގާނޫނީ ހައިސިއްޔަތާމެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ނިންމާފައިވާ ގަޒިއްޔާއެއްގައި ގޮތެއް ކަނޑައަޅާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަވާލާދެވުނު ނިޔާ ބިނާވެފައި ވަނީ ކަނޑައެޅިގެން ގާނޫނާ ހިލާފަށް އަދި ހަގީގަތާ ވެސް ހިލާފު ކަންތައްތަކެއްގެ މައްޗަށްކަން ޖޭއެސްސީއަށް ފާހަގަ ވާތީ އެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން ސްޕްރީމް ކޯޓަށް ހުށަހެޅި ކަމަށާއި އެހެންނަމަވެސް ޖޭއެސްސީން ފެބްރުއަރީ 8 2022 ގައި ނިންމާފައިވަނީ އެ ނިންމުން މުރާޖާ ނުކުރުމަށް ކަމަށެވެ.
"ސްޕްރީމް ކޯޓުން 8 ފެބްރުއަރީ 2022 ވަނަ ދުވަހު ނިންމަވާފައި ވަނީ ހަވާލާދެވުނު ގަޒިއްޔާ ނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ." ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނެފައިވަނީ ކޯޓުތަކާ ބެހޭ ގާނޫނުގައި ކަނޑައަޅާފައި ވަނީ މާލޭގައި އުފައްދާނީ ސްޕީރިއާ ކޯޓުތައް ކަމަށާއި، ރަށްރަށުގައި ހުންނަނީ މެޖިސްޓްރޭޓް ކޯޓުތައް ކަމަށެވެ. ގާނޫނުއަސާސީގައި މާލެ މާނަކޮށްފައި ވަނީ ވިލިނގިއްޔާއި ހުޅުމާލެ ވެސް ހިމެނޭ ގޮތަށްކަން ފާހަގަކޮށް ޖޭއެސްސީން ބުނެފައިވަނީ ހުޅުމާލެއަކީ އަދި ވިލިނގިއްޔަކީ ވެސް އިދާރީ ވަކި ރަށްރަށެއް ނޫން ކަމަށާއި، އެއީ މާލޭގެ އަވަށްއަވަށް ކަމަށެވެ.
"މާލޭގައި ސްޕީރިއާ ކޯޓުތައް ގާއިމުކޮށްފައި، އަދިހަމަ މާލޭގެ އަވަށްއަވަށުގައި މެޖިސްޓްރޭޓް ކޯޓުތައްމެ ގާއިމުކުރުމަކީ ގާނޫނާ ހިލާފު ނުވެ ކުރެވޭނެ ކަމެއް ނޫނެވެ. މިކަމަކީ އެއްވެސް އޮޅުމެއް ނެތްހާ ސާފުކޮށް އޮތް ކަމެކެވެ." ޖޭއެސްސީން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ޖޭއެސްސީން ބުނެފައިވަނީ، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުފެދިފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރައްވާފައިވާ ނިޔާ މުރާޖާކޮށްދެވެން ނެތްކަމަށް އެ ކޯޓުން ނިންމި ނަމަވެސް، ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓު އުވާލުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކޮމިޝަނުން ކުރަމުން އަންނަކަމަށެވެ.