Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ހުޅުމާލެ ކޯޓު އުވާލުމަށް ގާނޫނު އިސްލާހު ކުރަނީ

އިބްރާހިމް ރިއްފަތު - ފޮޓޯ: އޭޖީ

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ޤާނޫނު އިސްލާހު ކުރާނެ ކަމަށް ބަންޑާރަނައިބު އިބްރާޙިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމަށް ކުރަންޖެހޭ ކަންކަން ކުރާނެ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނެފައިވާއިރު، އެ ކޯޓުގެ މައްސަލައިގައި ބަންޑާރަނައިބު ރިއްފަތު ވިދާޅުވެފައިވަނީ، ހުޅުމާލޭ ކޯޓަކީ ސިޔާސީމަޤްޞަދެއް ޙާޞިލްކުރުމަށް އުފެއްދި ތަނެއް ކަމަށެވެ.

ޤާނޫނާ ހިލާފު އެ ނިންމުން ސުޕްރީމް ކޯޓުން ނަގަހައްޓާފައިވަނީ 2012 ވަނަ އަހަރު ކަމަށާއި، ޤާނޫނުގައި ނެތް ކަމެއް ޤާނޫނާ އެއްގޮތަށް ނުކުރެވޭނެ ކަމަށް ރިއްފަތު ވިދާޅުވެފައިވެއެވެ.

"ޤާނޫނީ މިބޮޑު ފުށުއެރުން/ފާޅުކަން ބޮޑުބޭއިންޞާފު ރަނގަޅުކުރުމަށް ޤާނޫނު އިޞްލާޙުކުރާނަން." ބަންޑާރަނައިބު ވިދާޅުވިއެވެ.

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ނިންމުން މުރާޖާކޮށްދިނުމަށް ޖޭއެސްސީން އެދުމުން 8 ފެބްރުއަރީ 2022 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމަވާފައި ވަނީ އެނިންމެވުމުގައި ގާނޫނީ ބޮޑު ފުށުއެރުމެއް އަދި ފާޅުކަން ބޮޑު ބޭއިންސާފެއް ފާހަގަވާން ނެތަތީ އެ ގަޒިއްޔާގެ ނިޔާ މުރާޖާކޮށްދެވެން ނެތް ކަމަށެވެ.

އެހެންނަމަވެސް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު އުވާލުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.