Last Updated: June 23, 06:08
Tuesday, June 23, 2026
ޚަބަރު

އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓެއް ދެކުނަށް

އޮޑިޓަ ޖެނެރަލް އޮފީހުގެ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓެއް ހިތަދޫގައި ހުންނަ ދެކުނު ސަރަހައްދީ އޮފީހުގައި މިއަދު ގާއިމުކޮށްފި އެވެ.

މިކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ އައްޑޫ މޭޔަރު އަލީ ނިޒާރެވެ. އެ ރަސްމިއްޔާތުގައި އޮޑިޓަ ޖެނެރަލް ހުސައިން ނިޔާޒީ ވެސް ބައިވެރިވަޑައިގެންނެވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މޭޔަރު އަލީ ނިޒާރު ވިދާޅުވީ އިންފޮމޭޝަން ސިސްޓަމް އޮޑިޓް ޑިޕާޓްމަންޓެއް ގާއިމުވެގެން ދިއުމަކީ ލިބޭ ކުރިއެރުމެއް ކަމަށާއި މިއީ އައްޑު އަށް ލިބޭ ފަހުރެއް ކަމަށެވެ.

"އެހެންވެ މިކަމަށްޓަކައި އޮޑިޓަ ޖެނެރަލަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން." އޭނާ ވިދާޅުވި އެވެ.

ނިޒާރު ވިދާޅުވި ގޮތުގައި އޮޑިޓްގެ މަސައްކަތްތައް ހަރުދަނާކޮށް ޒަމާނީކުރުމަކީ ކުރުން ވަރަށް މުހިއްމު ކަމެކެވެ. އެގޮތުން މުޅި ދުނިޔޭގައި ވެސް މާލީ ކަންކަމާއި ހިސާބުތައް ބެލެހެއްޓުމާއި ސީދާ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ އުސޫލުތައް ވެސް ބަދަލުވަމުން އަންނަ ކަމަށެވެ.

"މަސައްކަތްތައް އޮޓޮމޭޓްވަމުން މި އަންނަނީ.؛ އެހެންވީމަ އޮޑިޓް އޮފީހުން ކުރާ މަސައްކަތުގެ ވައްޓަފާޅި ވެސް ބަދަލުވާން ޖެހޭނެ. އެހެންވީަމަ މި ވެސް މުހިއްމު ބަދަލެއްގެ ގިތުގައި އަޅުގަނޑުމެން ގަބޫކުރަނީ. އަދި މިއާ އެކު އެ ބަދަކުތައް ފެންނަން ވެސް ޖެހޭ." މޭޔަރު ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ނިޔާޒީ ވިދާޅުވި ގޮތުގައި އޮޑިޓް އޮފީހުގެ އިންފޮމޭޝަން ސިސްޓަމްސް އޮޑިޓް ޑިޕާޓްމަންޓެއް ގާއިމުވެގެން ދިއުމަކީ އޮޑިޓް އޮފީހުގެ ހަޔާތުގައި ވެސް ވަރަށް މުހިއްމު ދުވަހެކެވެ.

"އިންފޮމޭޝަން ސިސްޓަން އޮޑިޓް ޑިޕާޓްމަންޓެއް ގާއިމު ކުރެވިގެން ދިޔަ އައްޑޫގައި މިހާތަނަށް ވަރަށް މުހިއްމު މަސައްކަތްތަކެއް މި ދާއިރާ އިން ފާއިތުބި މުއްދަތުގެ ތެރޭގައި އައްޑޫގައި ކުރެވިފައި އެބަހުރި." އޭނާ ވިދާޅުވި އެވެ.

ނިޔާޒީ ވިދާޅުވި ގޮތުގައި އައްޑޫގައި ގާއިމުކުރެވިގެން ދިޔަ ޑިޕާޓްމަންޓްގެ ސަބަބުން މި ސަރަހައްދުގެ އޮޑިޓް މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހައަކާއި ކުރިއެރުމެއް އަންނާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މާލޭން އަތޮޅުތަކަށް ޓީމްތައް އައިސް އެކަން ކުރަންވެއްޖެ ނަމަ އެންމެ ފުރިހަމަކޮށް އެކަން ނުކުރެވޭނެ ކަމަށެވެ.