އެކި ބޭނުންތަކަށް ދޫކުރާ ބިންތަކަށް އެންމެ ކުޑަ ކުލި ކަނޑައެޅުމުގެ ބާރު ކައުންސިލްތަކަށް ދޭން ބިން ދޫކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުން ދޭން ނިންމައިފި އެވެ
ބޯހިޔަވަހިކަމަށް ނޫން އެހެން ބޭނުންތަކަށް ބިން ދޫކުރުމުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުގައި އެކި ބޭނުންތަކަށް ބިން ދޫކުރެވޭނެ އެންމެ ކުޑަ ކުލި ކަނޑައަޅާނީ، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމާއި އިގުތިސާދީ ފުދުންތެރިކަމާއި، ބިމުގެ ޑިމާންޑް އޮތް މިންވަރަށް ބަލައި، ރަށުގެ ނުވަތަ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނުގައި ކަނޑައަޅައިފައިވާ އެ ސަރަޙައްދުގެ ބިމުގެ އަގަށް ރިއާޔަތްކޮށެވެ. އެގޮތުން ރަށެއްގައި ނަމަ، އެކަން އެ ރަށެއްގެ ރަށު ކައުންސިލުން ކަނޑައެޅުމުގެ ބާރު ދީފައިވާ އިރު، ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުންނެވެ.
އިސްލާހުގައި ބުނެފައިވާ ގޮތުގައި އެންމެ ކުޑަ ކުލި ކަނޑައެޅުމުގައި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ލޭންޑް ޔޫޒް ޕްލޭނުގައިވާ ގޮތަށް އެ ސަރަޙައްދެއްގެ ބިމުގެ އަގުކަމަށް ކަނޑައަޅައިފައިވާ އަގަށް ރިއާޔަތްކޮށް، އެ އަގަށް ވުރެ ކުޑަނުވާނޭ ގޮތެއްގެ މަތީން ހިސާބުކޮށް ކުލި ކަނޑައެޅޭކަން، ރަށެއްގައި ނަމަ އެ ރަށެއްގެ ރަށު ކައުންސިލުން އަދި ސިޓީއެއްގައި ނަމަ، އެ ސިޓީއެއްގެ ސިޓީ ކައުންސިލުން ކަށަވަރު ކުރަން ޖެހޭނެ އެވެ.
އެންމެ ކުޑަ ކުލި، އެ ރަށެއްގެ ނުވަތަ އެ ސިޓީއެއްގެ ބިމުގެ ތަނަވަސްކަމަށާއި އިގުތިސާދީ ފުދުންތެރިކަމަށާއި ބިމުގެ ޑިމާންޑަށް ބަލައި، ކޮންމެ ދެ އަހަރަކުން އެއްފަހަރު ކުލި މުރާޖައާކޮށް ބަދަލު ގެނައުމުގެ އިހުތިޔާރު ކައުންސިލަށް ލިބި ދީފައިވެ އެވެ.

އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ އެންމެ ކުޑަ ކުލި ތަފާތުކުރުމުގެ އިހުތިޔާރު، ރަށު ކައުންސިލާއި ސިޓީ ކައުންސިލަށް ވެސް ލިބިގެންވެ އެވެ. ނަމަވެސް، ޓޫރިޒަމްގެ ބޭނުމަށް ދޫކުރާ ބިންތަކުގެ ކުލި ކަނޑައަޅާނީ، ޓޫރިޒަމާ ބެހޭ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން އެކުލަވައިލާ ކަމާބެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ.
ކަނޑައަޅާ އެންމެ ކުޑަ ކުލި، ސަރުކާރުގެ ގެޒެޓްގައި އާންމުކޮށް ޝާއިއުކުރަން ވާނެ ކަމަށް ވެސް ގަވާއިދުގައި ބުންޏެވެ.