Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

"އިންޑިއާ އައުޓް" ހުއްޓުވާ ބިލާ އެމްޑީޕީ ބައެއް މެމްބަރުން ދެކޮޅު

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

"އިންޑިއާ އައުޓް" ހުއްޓުވުމުގެ ބިލާ އެމްޑީޕީ ބައެއް މެމްބަރުން ހިޔާލުތަފާތު ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ އެންމެފަހުން ބޭއްވުނު ޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ކަމެއް ހިއްސާނުކުރެވި އޮތްކަމަށެވެ.

އެކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ، 'ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައް ހުއްޓުވުމުގެ ބިލު'އާމެދު ވަރަށް ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އެމްޑީޕީގެ މެމްބަރުންގެ މެދުގައި އޮތްކަމަށެވެ.

އެބިލާ މެދު ހިޔާލުތަފާތުވުން ގެންގުޅުނީ 'ސަރުކާރު ފެކްޝަން' މެމްބަރުން ކަމަށް ދޭހަވާ މޭރުމަކުން އަލީ އާޒިމް ވާހަކަ ދެއްކެވިއެވެ.

"ވަކިން ހާއްސަކޮށް އަޅުގަނޑުމެން މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ތެރެއިން ސަރުކާރުގެ އެހީތެރިކަމަށް ބޭނުންވާ، ސަރުކާރުގެ އެކިއެކި ކަންކަމަށް ބޭނުންވާ މެމްބަރުން އެބިލާ މެދު ވަރަށް ބޮޑު ނުތަނަވަސްކަމެއް، ގަބޫލުނޫންކަމެއްގެ ގޮތުގައި އެ ބިލު ފެނިގެންދިޔަ." އަލީ އާޒިމް ވިދާޅުވިއެވެ.

އަލީ އާޒިމް ވިދާޅުވީ އަލަށް އިންތިހާބު ކުރެވުނު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރޝިޕުން މި ބިލާމެދު ގޮތެއް ނިންމާ ސަރުކާރާ މަޝްވަރާ ކުރުމަށްފަހު މަޖިލީހަށް ހުށަހަޅާނެ ކަމަށް ކަމަށެވެ.

"އިންޑިއާ އައުޓް" ހުއްޓުވުމުގެ ބިލުގެ ޑްރާފްޓް މިހާރު އޮތްގޮތް

އެ ބިލުގެ ޑްރާފްޓުގައި ބިލުގެ މަޤްސަދުގެ ގޮތުގައި ބުނެފައިވަނީ، ދިވެހިރާއްޖެއިން ބޭރު ޤައުމުތަކާއެކު ޤައުމުތަކާއެކު ޤާއިމުކޮށްފައިވާ ޚާރިޖީ ގުޅުންތަކަށާއި އަދި އެކި ޤައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް ނޭދެވޭ އަސަރުކުރާނެ ފަދަ ޢަމަލުތައްކުރުން ހުއްޓުވުމާއި، އެފަދަ ޢަމަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދާނެ ގެއްލުމަކުން ދިވެހިރާއްޖެ ސަލާމަތްކުރުމާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތާއި ޤަދަރަށް ބުރޫއަރާފާނެ ޢަމަލުތައްކުރުން ހުއްޓުވުން، އަދި ބޭރު ޤައުމުތަކާ ދެކޮޅަށް ހަރަކާތްތައް ހިންގާ ނުވަތަ އެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު އަޅާނެ ޤާނޫނީ ފިޔަވަޅުތައް ކަނޑައެޅުން ކަމަށެވެ.

މި ޑްރާފްޓް ބިލުގައި، ނޭދެވޭ އަސަރުކުރާނެ ފަދަ ކަންކަމުގެ ތެރޭގައި، ރާއްޖެއާއި އެެހެން ގައުމަކާ ދެމެދު ޤާނޫނީް ނުވަތަ ބައިނަލްއަޤްވާމީ ހަމަތަކާ އެއްގޮތަށް ނުވަތަ އެއްބަސްވުމަކާ އެއްގޮތަށް ނުވަތަ ދެ ގައުމުން ބަލައިގަނެފައިވާ އުސޫލުތަކާ އެއްގޮތަށް އޮތް ކަމެއްގައި، ދިވެހި ރައްޔިތުންގެ ނަމުގައި ނުވަތަ ދިވެހިރާއްޖެ ރަމްޒުވާގޮތަށް، ވަކި ބަޔަކު ނުވަތަ ސިޔާސީ ޕާޓީއަކުން ނުވަތަ ޖަމާއަތަކުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ނުވަތަ އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި ކެމްޕޭން ކުރުމާއި ސިޔާސީ ނުވަތަ އެނޫންވެސް ހަރަކާތްތައް ހިންގުން ހިމަނާފައިވެއެވެ.

މީގެއިތުރުން ބޭރުގައުމުތަކުގެ އިއްޒަތާއި ގަދަރަށް ބުރޫއަރާފާނެ އަމަލެއްގެ ގޮތުގައި، ގައުމެއްގެ އަޅުވެރިކަމުގެ ދަށުގައި ނުވަތަ މިލިޓަރީ ނުވަތަ ސިޔާސީ ނުވަތަ އިޤްތިސާދީ ބާރުވެރިކަމުގެ ދަށުގައި ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިގްލާލުވާކަން ދެއްކުމުގެ ގޮތުން އެ ގައުމަކާ ނުވަތަ އެ ގައުމެއްގެ ސަރުކާރާ ނުވަތަ އެ ގައުމެއްގެ ވަކި މުއައްސަސާއަކާ ދެކޮޅަށް މުޒާހަރާކުރުމާއި، ކެމްޕޭންކުރުމާއި ސިޔާސީ ނުވަތަ އެނޫންވެސް ހަރަކާތް ހިންގުން ހިމެނެއެވެ.

ޑްރާފްޓް ބިލުގައި ފާހަގަކޮށްފައިވާފަދަ ކުށެއް ކޮށްފިނަމަ، އެ އަމަލެއްގެ ކުޑަބޮޑު މިނަށްބަލައި، ގިނަވެގެން 20،000 ރުފިޔާއިން ޖުރިމަނާކުރުން ނުވަތަ އެއް އަހަރަށްވުރެއް ދިގުނޫން މުއްދަތަކަށް ގޭބަންދުކުރުން ނުވަތަ ހަ މަސްދުވަހަށްވުރެއް ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ހިމަނާފައިވެއެވެ.

"އިންޑިއާ އައުޓް"ގެ މައްސަލަ މަޖިލީހުގެ 241 ކޮމިޓީންވެސް އަންނަނީ ބަލަމުންނެވެ.

އިދިކޮޅުން ކުރިއަށްގެންދާ "އިންޑިއާ އައުޓް" ކެމްޕޭން ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަމުން އަންނައިރު، ޕީޕީއެމާ އިދިކޮޅު ފިކުރުގެ ސިޔާސީ ފަރާތްތަކުން ދެކޭގޮތުގައި އެ ހަރަކާތަކީ ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލަތަކުގެ ފޯކަސް ގެއްލުވާލުމަށް ކުރިއަށްގެންދާ ހަރަކާތެކެވެ.