Last Updated: June 14, 13:25
Sunday, June 14, 2026
ޚަބަރު

ބޯހިޔާވަހިކަން: އާޒިމްގެ ފާޑުކިޔުން ރައީސް ސޯލިހަށް

މެމްބަރު އަލީ އާޒިމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މާލެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަމަލުކުރަމުން އަންނަގޮތަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ކުރީގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނާ އަތޮޅުތެރޭގެ ރައްޔިތުންނާ ތަފާތުކުރުންތަކެއް ހުރިކަމަކީ އެންމެންވެސް ގަބޫލުކުރާނެ ކަމެއްކަމަށެވެ.

މާލޭގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަމަކީ ބޯހިޔާވަހިކަމުގެ މައްސަލަކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އެ ބޯހިޔާވަހިކަން ހޯދަން މާލޭގެ ރައްޔިތުންނަށް ޖެހެނީ ބޮޑެތި އަގުދީފައި ތަންތަން ގަންނަން ކަމަށެވެ. މާލޭގެ ރައްޔިތުން އުޅެނީ ނުހަނު ދަތިހާލަތުގައި އުނދަގުލުގައިކަން ފާހަގަކޮށް އަލީ އާޒިމް ވިދާޅުވީ އެކަމަށް ހައްލު ހޯދުމަށް ޤާނޫނުއަސާސީގައި ބުނާ ހަމަހަމަކަމުގެ ތެރެއިން ކަންކުރެވިގެންދާތަން ނުފެންނަކަމަށެވެ.

އަލީ އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިންކަނޑާފަ ދޭނެވާހަކަ ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ ރިޔާސީ ބަޔާނެއްގަ ކަހަލަ ގޮތަކަށް ގެނެވޭ ކަމަށާއި އެހެންނަމަވެސް އެކަން ވާތަން ނުފެންނަކަމަށެވެ.

"މިވާހަކަ އަޅުގަނޑު ބުނަން ކުޑަކޮށް އުނދަގޫވެސް ވޭ. އެހެންނަމަވެސް ކޮންމެ ރިޔާސީ ބަޔާނެއްގައި މާލޭގެ ރައްޔިތުންނަށް ބިން ކަނޑާފައި ގޯތި ކަނޑާފައި ދޭނެވާހަކަ ތަކުރާރުކޮށް ވިދާޅުވަމުން އަންނަތާ މިއަދަށް ތިން ވަނަ އަހަރު ވެގެން މިދަނީ. އަދިއެއް މާލޭގެ މީހަކަށް ބިންކަނޑާފައި ގޯތިކަނޑާފައި ދެވުންތަކެއް ފެނިގެނެއް ނުދިޔަ. އެކަން ހަމައެކަނި ކޮށްދެއްވި ރައީސަކީ، ރައީސް [ނަޝީދު]." އަލީ އާޒިމް ވިދާޅުވިއެވެ.

ޕާލިމެންޓަރި ގްރޫޕުގެ ލީޑަރުގެ އިންތިހާބުން ނާކާމިޔާބު ވުމާއެކު މިއަދުގެ ޖަލްސާގައި އަލީ އާޒިމް ރައީސް ސޯލިހަށް ފާޑުވިޑާޅުވެ ވާހަަކަ ދައްކަވާފައިވާއިރު، ބޯހިޔާވަހިކަމުގެ މައްސަލައިގައި ރައީސް ސޯލިހް މިފަހަރު ދެއްކެވި ވާހަކައަށް އެމްޑީޕީގެ މާލޭގެ މެމްބަރުން ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައިވެއެވެ.

މިއަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވާ ދެއްވި ރިޔާސީ ބަޔާނުގައި ރައީސް ސޯލިހް ވިދާޅުވީ، މާލޭގެ ރައްޔިތުންނަށް ހުޅުމާލެއިން މަދުވެގެން 1000 ގޯތި، ގުޅީފަޅުން މަދުވެގެން 2000 ގޯތި ދޭނެކަމަށެވެ.

"މިމަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގާ އަޅުގަނޑު ފަށާނަން." ރައީސް ސޯލިހް ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ސޯލިހް ވިދާޅުވީ، ގިރާވަރު ފަޅު ހިއްސާ އެބިމުން މަދުވެގެން 2000 ގޯތި މާލެ ރައްޔިތުންނަށް ދޭނެކަމަށެވެ. އަދި ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާގޮތަށް ގޮސް ގުޅުވާލެވޭ ތަނަކަށް ވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ އަޅުގަނޑުގެ ރިޔާސީ މިދައަރު ނިންމާނީ އެންމެބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށްފަހު." ރައީސް ސޯލިހް ވިދާޅުވިއެވެ.