Last Updated: June 27, 18:22
Saturday, June 27, 2026
ޚަބަރު

އަބީޝެކް ކްރިކެޓް ދަސްކޮށްދޭނީ ސައްޔާމީ އަށް

މި މަހުގެ ކުރީކޮޅު ޝޫޓިން ފެށި ޑައިރެކްޓަރު އާރް ބަލްކީގެ ފިލްމު "ގޫމަރު" ގައި އަބީޝެކް ބައްޗަން ކުޅޭނީ ކްރިކެޓް ކޯޗެއްގެ ރޯލު ކަމަށް މީޑިއާތަކުން ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މީގެ އަބީޝެކްގެ ކެރެކްޓާ އަކީ ބަތަލާ ސައްޔާމީ ކޭރަށް ކްރިކެޓް ދަސްކޮށްދޭ ކޯޗެކެވެ. އަދި މިއީ ކޯޗަކާއި ކުޅުންތެރިއެއްގެ ހިތްވަރުން، ކްރިކެޓްގައި ކާމިޔާބު ހޯދާ ގޮތް ދައްކުވައި ދޭނެ ފިލްމެއް ކަމަށް ބުންޏެވެ.

ސައްޔާމީ ކުރިން ވެސް ވަނީ އަބީޝެކާ އެކީ މަސައްކަތްކޮށްފަ އެވެ. އެއީ އެމެޒޯން ޕްރައިމް ވީޑިއޯގެ ވެބް ސީރީޒް "ބުރީތު: އިން ޓު ދަ ޝެޑޯސް" އެވެެ. "ގޫމަރް" އަކީ ބަލްކީގެ ފިލްމެއް ސައްޔާމީ ކުޅޭ ފުރަތަމަ ފަހަރެވެ. މީގައި އޭނަގެ މާމަގެ ރޯލުން ޝަބާނާ އާޒްމީ ވެސް ފެންނާނެ އެވެ.

އަބީޝެކް ކުރިން ބައްޕަ އަމީތާބް ބައްޗަން ވެސް ކާސްޓްގައި ހިމެނުނު ބަލްކީގެ 2009 ގެ "ޕާ ގައި މަސައްކަތްކޮށްފައިވެ އެވެ. "ޗީނީ ކަމް" އާއި "ޝަމީތާބް" "އަދި ކީ އެންޑް ކާ" ފަދަ ފިލްމުތައް ގެނެސްދިން ބަލްކީ އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ އަކްޝޭ ކުމާރުގެ 2018 ގެ "ޕެޑްމޭން" އެވެ.

އަބީޝެކާ އެކު އޭނާ "ގޫމަރު" ގެ މަސައްކަތް ފެށި އިރު، މިދިޔަ އަހަރު ސަނީ ޑިއޯލްއާ އެކު "ޗުޕް" ކިޔާ ތުރިލާއެއް ވެސް ބަލްކީ އިއުލާންކުރި އެވެ. އޭގެ ކާސްޓްގައި ޕޫޖާ ބަޓާއި ދެކުނުގެ އެކްޓަރު ދަލްގޫމް ސަލްމާންގެ އިތުރުން ޝްރެޔާ ދަންވަންތަރީ ވެސް ހިމެނެ އެވެ.