Last Updated: April 24, 12:21
Wednesday, April 24, 2024
ޚަބަރު

ފެނާއި ކަރަންޓް ބިލުން ޖުރިމަނާ ކަނޑާލަން ގޮވާލައިފި

މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ފެނާއި ކަރަންޓް ބިލުން ޖުރިމަނާ ކަނޑާލުމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވީ ފެނުގެ ހިދުމަތް ހޯދާ ފަރާތްތަކުން އޭގެ އަގު ނުދައްކައިފިނަމަ ދައްކަން ޖެހޭ ޖޫރިމަނާ ބިލުން އުނިކުރަން ޖެހޭކަމަށެވެ.

އަގު ނުދެއްކި ލަސްވާ ކޮންމެ ފަހަރަކު ޖޫރިމަނާ އެރުވުން ރަނގަޅުނޫންކަން ފާހަގަކޮށް މެމްބަރު އިބްރާޙިމް ރަޝީދު ވިދާޅުވީ ފެނާއި ކަރަންޓް ފަދަ އަސާސީ ހިދުމަތެއްގެ ބިލު ނުދެއްކި ދާނީ އެމީހެއްގެ މާލީ ހާލަތު ދަށްވުމުން ކަމަށެވެ.

ކަރަންޓު ބިލު ނުދެއްކިގެން ގެއިން ކަރަންޓު ކެނޑިގެން އެ ޚިދުމަތް ނުލިބިގެންދާ މުއްދަތުގައި އަނެއްކާ ޖޫރިމަނާއެއް ދައްކަން ޖެހުން ވާނީ އެ ރައްޔިތު މީހާއަށް އުފުލަން ޖެހޭ އިތުރު ތަކުލީފަކަށް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

"އަޅުގަނޑު ގޮވާލަން ޖޫރިމަނާތައް ކަނޑާލަން" ބޮންޑޭ ވިދާޅުވެފައިވެއެވެ.

ބިލުގައި މިހާރު ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ރުފިޔާ ނަގާގޮތައް އޮތް ކަމަށާއި ކުރިން ޖޫރިމަނާގެ ގޮތުގައި ނަގަމުންއައީ 50،000 ރުފިޔާ ކަން ފާހަގަކޮށް ބޮންޑޭ ވަނީ އަސާސީ ހިދުމަތްތަކުން އެއްވެސް ވަރެއްގެ ޖޫރިމަނާއެއް ނުނެގުމަށް ގޮވާލާފައެވެ.