ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު އައްޑޫގައި ގާއިމުކުރުމުގެ މަޝްރޫއު މިއަދު އިފުތިތާހުކޮށްފި އެވެ.
ގަމުގެ އީކްއެޓަ ވިލެޖްގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމުގެ އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރެވެ. އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މޭޔަރު އަލީ ނިޒާރެވެ.
ރާއްޖޭގައި ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ގާއިމުކުރުމަށްޓަކައި ސަރުކާރުގެ ޕީއެސްއައިޕީ ދަށުން ހިންގާ މަޝްރޫއުގެ ތެރެއިން 10 ރަށެއްގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސަރު ހަރުކުރަން ހަމަޖެހިފައިވެ އެވެ.
އެގޮތުން މިއަދު އައްޑޫ ސިޓީ ކައުންސިލު އިދާރާގައި އެއާ ކޮލިޓީ މޮނިޓަރިން ސެންސާއެއް ހަރުކޮށްފައިވެ އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ މުވައްޒަފުންގެ ބެލުމުގެ ދަށުން މި ސެންސަރުތައް ހަރުކުރެވޭ އިރު، އެއިން ކޮންމެ ރަށެއްގައި އާއްމުންނަށް މިކަމަށް ހޭލުންތެރިކުރުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
Launching Ceremony of the Regional Air Quality Monitoring Project. Through this project, the first Air Quality Monitoring sensor has been installed in S. Hithadhoo at Addu City Council. pic.twitter.com/NyxtaGBrnZ
— Min. of Environment, Climate Change and Technology (@MoEnvmv) February 21, 2022
ޖަރުމަންގެ ބްރޭންޑެއް ކަމަށްވާ "އައިކިއު އެއާ" ގެ ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސަރު ހަރުކުރުމަށްޓަކައި މިންކުރެވިފައި ވަނީ އާބާދ ބޮޑެތި ރަށްތަކުގަ އެވެ.
އެ ރަށްތަކަކީ އައްޑޫ ހިތަދޫގެ އިތުރުން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ޅ. ނައިފަރު، ކ. މާލެ، ކ. ހުޅުމާލެ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ އަދި ޏ. ފުވައްމުލަކެވެ.
ވައިގެ ސާފު މިންވަރު ދެނެގަންނަ ސެންސައެއް އެންމެ ފުރަތަމަ ހަރުކޮށްފައި ވަނީ މިދިޔަ އަހަރު އެންވަޔަރަމަންޓް މިނިސްޓްރީގަ އެވެ.
މި ސެންސަތަކުން ފަސް އަހަރުގެ މުއްދަތަކަށް، ވައިގެ ސާފު މިންވަރު ވަޒަންކުރުމަށް ބޭނުންވާ ޑޭޓާ ކަމާބެހޭ އިދާރާތަކަށް ފޮނުވައި ދޭނެ އެވެ. ވައިގެ ސާފު މިންވަރަށް ބަލައި، ސިއްހީ ލަފާ މި މޮނިޓަރިން ސެންސަގެ ޒަރިއްޔާއިން އާއްމުންނަށް ވެސް ލިބިގެންދާނެ އެވެ.
މީގެ އިތުރުން، އެއްކުރެވޭ ޑޭޓާގެ އަލީގައި ވައިގެ ނުސާފުކަން ނުވަތަ ތަޢައްޔަރުވެފައިވާ މިންވަރު ދެނެގަނެވި، އެ ޑޭޓާތައް ތަހުލީލުތަކާއި ދިރާސާތައްކުރުމަށް ބޭނުންކުރެވޭނެ އެވެ. މީގެ އިތުރުން "އައި.ކިއު އެއާރ"ގެ މޯބައިލް އެޕްލިކޭޝަން އިންސްޓޯލް ކުރުމާއެކު ވެބްސައިޓް https://www.iqair.com/ ގެ އެހީގައި ވައިގެ ސާފު މިންވަރު އަންގައިދޭ ޑޭޓާ އާއްމުންނަށް ފެންނަން ހުންނާނެއެވެ.
ވައި ނުސާފުވުމަކީ ދިގު މުއްދަތެއްގެ ތެރޭގައި ސިއްހަތަށް ނުރައްކާ ކަމަކަށްވާ އިރު ވައިގެ ސާފު މިންވަރު ދެނެގަތުމުގެ ނިޒާމު ބޭނުންކުރަން ފެށުމަކީ ހޯދޭނެ ވަރަށް ބޮޑު ރައްކާތެރި ކަމަކަށް ވާނެ އެވެ.