Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

"އިންސާފަށް އައި ބަޔަކު ގޮވަންވީ ޔާމީން ހައްޔަރުކުރަންތޯ؟"

މެމްބަރު އަހުމަދު ޝިޔާމް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންނަށް އިންސާފު ހޯދައިދޭން އައިބަޔަކު ގޮވަންޖެހެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށްތޯ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު އުފައްދަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ސަރުކާރުގެ ރަނގަޅު ނިޔަތެއް ކަންކަމުގައި ނެތްކަމަށާއި، ފަނޑިޔާރުގެ އިސްލާހު ކުރުމަކީ މިސަރުކާރުގެ އެންމެބޮޑު ވައުދަށް ވީއިރު އެކަން މިއަދު ހަނދާން ނައްތާލާފައިވާކަމަށެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމުގެ އިސްލާހު ޕީޕީއެމް ޕީއެންސީގެ މެމްބަރަކު މިއަދު ހުށަހަޅަން ޖެހުމުން އެކަމާ އެމްޑީޕީގެ މެމްބަރުން ލަދުގަންނަން ޖެހޭނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިތާންގަ ތިއްބެވި 65 [އެމްޑީޕީ] މެމްބަރުންނަށް ހީފުޅުވާކަހަަލަ ރައީސް ޔާމީން ކަރުގަ ހިފައިގެން ނުވަތަ ރައީސް ޔާމީން ހިފާހައްޔަރު ކުރެވުނީމަ ދިވެހިރާއްޖޭގަ އިންސާފު ގާއިމު ކުރެވުނީ ކަމަށް. އަތުޖެހޭ ކޮންމެ ޕޯޑިއަމެއްގަ، އަތުޖެހޭ ކޮންމެ މައިކެއްގަ ރައީސް ޔާމީން ހައްޔަރު ކުރާ ވާހަކަ، ރައީސް ޔާމީން ޖަލަށްލާ ވާހަކަ. މިއީތޯ ދިވެހިރައްޔިތުންނަށް އިންސާފުވެރިކަން ހޯދައިދޭން އައި ބަޔަކު ގޮވަންޖެހޭ ވާހަކައަކީ؟" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މިސަރުކާރުން ރައީސް ޔާމީންގެ ފަހަތުން ދުވެގެން ރައްޔިތުންނަށް ހޯދައިދެވޭނެ އުފަލެއް ނެތްކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭގޮތުން ޝިޔާމް ވިދާޅުވީ މިސަރުކާރުގައި ފެނިގެންދަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަޅާނުލެވިދާތަން ކަމަށެވެ. އެގޮތުން ކޮވިޑްގެ ހާލަތުގައިވެސް ސަރުކާރުން ހޯދި އެހީތަކާއި ލޯންތަކުގެ ބޭނުން ރަނގަޅު ގޮތުގައި ސަރުކާރުން ނުހިފުމުން ގިނަ ވަޔަފާރިތައް ބަނގުރޫޓު ވެފައިވާކަމަށެވެ.

ޝިޔާމް ވިދާޅުވީ މިއަދު ފެންނަނީ ބިދޭސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހިންގުމުގައި އުޅޭތަން ކަމަށާއި، ކުރީ ސަރުކާރުން މިކަންކަމުގައި ގެންގުޅެމުން އައި ރަނގަޅު ސިޔާސަތުތައް މިއަދު "ބޮލާލާޖަހާފައި"ވާކަމަށެވެ.

އަދި ބިދޭސީންގެ ކިބައިން ވިޔަފާރިތައް ސަލާމަތް ކުރުމަށް މަސައްކަތްކުރެވޭތަން މި އިސްލާހުގެ ތެރެއިންވެސް ނުފެންނަކަމަށް ޝިޔާމް ވިދާޅުވިއެވެ.