Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ކުދި/މެދުފަންތީގެ ވިޔަފާރިތައް ދަނީ ހަލާކުވަމުން: ނާޒިމް

މުހައްމަދު ނާޒިމް - ފޮޓޯ: މަޖިލިސް

ފެންނަނީ މިސަރުކާރުންވެސް އަދި ކުރީގެ ސަރުކާރުތަކުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލާ މަންޒަރު ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ގާނޫނަށް ތިންވަނަ އިސްލާހެއް ގެނެވޭއިރު މިހެން ގެނެވޭ އިސްލާހަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ގެނެވޭ އެއްވެސް ބަދަލެއް ނެތްކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނިގެންމިދަނީ މިސަރުކާރުންވެސް އަދި ވޭތުވެދިޔަ ސަރުކާރުތަކުންވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ހަލާކުކޮށްލާ މަންޒަރު. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ބޮޑެތި ވިޔަފާރިވެރިންނަށް އެ މީހުންނަށް ބޭނުންވާ ކަންކަން ކުރުމުގެ މަގުފަހި ކޮށްދީ އެމީހުންނަށް ކަންކަން ކުރެވޭ މަންޒަރު." ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ޤާނޫނަށް ގެނެވޭ އިސްލާހަކުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއަކަށް އެއްވެސްކަހަލަ އެދެވޭ ކުރިއެރުމެއް އަންނަތަން ނުފެންނަކަމަށެވެ. އެގޮތުން ކުދިވިޔަފާރިއަކަށް ރާއްޖޭގައި އެއްވެސް ކަމެއް ފަހިވާތަން ނުފެންނަކަމަށާއި، ފެންނަނީ ހުރިހާ ތަނަކުންވެސް ކުދި ވިޔަފާރިތަކަށް ތަކުލީފުތައް ކުރިމަތިވާތަން ކަމަށެވެ. އަދި މިއަދު ފެންނަނީ ސަރުކާރުގެ އެސްޓީއޯ ފަދަ ބޮޑެތި ކުންފުނިތަކުން މާޓްތައް ހުޅުވައިގެން ކުދި ވިޔަފާރިތައް ހަލާކުކޮށްލާ މަންޒަރު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިއެރުމެއް ލިބޭނީ އޭރުން ކަމަށެވެ.