އައްޑޫގެ ތަރައްގީއާ ގުޅުވައިގެން މިހާރު އެންމެ ބޮޑަށް އަދި އެންމެ ހޫނުކޮށް ދެކެވޭ އެއް ވާހަކަ އަކީ ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއްގެ ވާހަކަ އެވެ. އެކަމަކު އައްޑޫން ބިން ހިއްކަން އުޅެނީ އަލަކަށް ނޫނެވެ. ކުރީގެ ރައީސް މައުމޫމް އަބަދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް އައްޑޫގައި ބިން ހިއްކުމުގެ މަޝްރޫތަކެއް ހިންގި އެވެ.
ފަހުގެ ތާރީހެއްގައި އައްޑޫގައި ބިމުގެ ދަތިކަން ހައްލުކުރަން އެންމެ ފަހުން ބިން ހިއްކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އޭރު ފޭދޫ ވަށައިގެން ހިއްކި އެވެ.
އޭގެ ފަހުން މިހާރު މި ސަރުކާރުން ތައްޔާރު ވަނީ އައްޑޫގައި މިހާތަނަށް ހިންގާ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއަށެވެ. މިއީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން އައްޑޫގައި ހިންގަން ހަމަޖެހިފައިވާ އެއް މަޝްރޫއެކެވެ.
ފޭދޫ ފިޔަވައި އެހެން ހުރިހާ އަވަށެއް ހިމެނޭ ގޮތަށް މި ފަހަރު ބިން ހިއްކަން ހަމަޖެހިފައި ވަނީ ވިޔަފާރި، ހާއްސަކޮށް ޓޫރިޒަމާ ގުޅުން ހުރި މަސައްކަތްތަކަށް ވެސް ހާއްސަކޮށެވެ. އެގޮތުން ގާތްގަނޑަކަަށް 236 ހެކްޓަރުގެ ބިން ހިއްކަން ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަން ޖެހޭ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ނިންމައި މިހާރު އޮތީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ވެސް ހުށަހަަޅައިފަ އެެވެ. ގިނަ ބަޔަކު މިހާރު އިންތިޒާކުރަނީ އެތަނުން މިކަމާ ގުޅޭ ގޮތުން ނިންމާ ނިންމުމަކަށެވެ. ސަބަބަކީ ބިން ހިއްކަން ފެށޭނީ އީޕީއޭގެ ރުހުން ލިބިގެން ކަމަށްވާތީ އެވެ.
އެކަމަކު މީގެ ތެރެއިން މިހާރު އެންމެ ބޮޑަށް ސަމާލުކަން ހުއްޓިފައި ވަނީ ބިން ހިއްކައިފި ނަމަ އައްޑޫގެ ގުދުރަތީ ވެއްޓާއި ދިރުން ހަލާކުވެ، ގަޑުބަޑުވެދާނެ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށެވެ. ޔަގީންވާ ކަމަކީ މިކަމުގައި އީޕީއޭ އިން ގޮތެއް ނިންމާނީ އީއައީޭ ރިޕޯޓްގައި ފާހަގަކޮށްފައިވާ ހުރިހާ ކަމަކަށް ބެލުމަށް ފަހުގައި ކަމެވެ.
PRESS STATEMENT – @TransparencyMV @ecocare_mv @SaveMaldivesMV @ZeroWasteMv @landseamaldives @ResilientReefs calls on the @governmentmv to immediately stop the ‘Addu Development Project’ and honour Article 22 of the Constitution!https://t.co/JfdfeRZtLl pic.twitter.com/Tf3BwkVns0
— Transparency MV (@TransparencyMV) February 15, 2022
އައްޑޫން ބިން ހިއްކުމުގެ މަޝްރޫއު ހަވާލުކުރަން ސަރުކާރުން އެވޯޑްކޮށްފައިވާ ކުންފުންޏާ އެކު ވަރަށް އަވަހަށް ރަސްމީކޮށް ސޮއިކުރަން ތައްޔާރުވާ އިރު، މިހާރު އެންމެ ގަދައަށް އިވޭ އެއް އަޑަކީ އެ މަޝްރޫއު ހުއްޓައިލަން ޖެހޭ ކަމުގެ އަޑުތަކެވެ. މި އަޑުތައް މިހާރު މާ ގަދަވެގެން އުޅެނީ އިހަކަށް ދުވަހު ޓްރާންސްޕޭރަންސީ މޯލްޑިވްސް ވެސް ހިމެނޭ ގޮތަށް ހަ ޖަމިއްޔާއަކުން މަޝްހޫރު ހުއްޓައިލަން ގޮވައިލުމުންނެވެ.
But @governmentmv @ibusolih @MohamedNasheed @mvpeoplesmajlis our politicians feels a sense of entitlement over our natural resources and is actively involved in corruption of destroying nature for political benefits.We did not vote for land reclamation, we voted for Jazeera raaje pic.twitter.com/hFx1cG4POO
— Aishath Liusha (@Ahsuil) February 15, 2022
މިއާ އެކު ސަރުކާރަށް ނިސްބަތްވާ އައްޑޫގެ ބައެއް މަޖިލިސް މެމްބަރުންނާއި އައްޑޫ ސިޓީ ކައުންސިލުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް މެމްބަރުން ސިފަކުރައްވާފައިވާ ގޮތުގައި "ބަޔަކު ފަޔަށް މިހާރު ހިނި އަރައިގެން އުޅެނީ އައްޑޫގައި ބިން ހިއްކުމުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން އުޅޭތީ" އެވެ. އެހެންވެ ކުރިން ނުފެނުނު ތިމާވެއްޓެއް ކުއްލިއަކަށް ބައެއް މީހުންނަށް ފެނިގެން އުޅޭ ކަމަށް ވެސް ސިފަކުރައްވާފައިވެ އެވެ.
"ތިމާވެށި ފެންނަނީ އައްޑޫގެ ބިން ހިއްކަންވީމަ ތޯ؟ މާލެ ސަރަހައްދުން އަދި އެހެން ހުރިހާ ރަށެއް ހިއްކައި ނިމޭ އިރު ވެސް ބަސް ނުބުނަމީ އެއިން ކޮން މަންފާއެއް ލިބޭތީތޯ؟،" ނިހާދު ވިދާޅުވި އެވެ. "[އެހެންވީމަ] އައްޑޫގެ ތަރައްގީ އަށް ހުރަސް އެޅުން ހުއްޓާލުމަށް ގޮވާލަން." ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވި އެވެ.
އައްޑޫ މޭޔަރު އަލީ ނިޒާރު ވެސް ވަނީ ބިން ހިއްކުމުގެ މަޝްރޫއަށް އެއްވެސް ބަޔަކު ހުރަސް ނޭޅުމަށް ވެސް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ބިން ހިއްކުމަކީ އައްޑު އަށް ނުހަނު ބޭނުން ކަމެކެވެ. ސަބަބަކީ ތަރައްގީއާ ގުޅިފައި ހުރި ވަރަށް ގިނަ ކަންކަމަށް ބިން ބޭނުންވާތީ އެވެ. އަދި އައްޑޫން ބިން ހިއްކުމަކީ ދިރިއުޅެން ކުރީގެ ގޮތަށް ބިން ވެސް ދެވޭނެ ކަމެއް ކަމަށް ނިޒާރު ވިދާޅުވި އެވެ.
Male' varuge 10 guna bodu hulhumale eh hikaifi, adhives dhany hikkamun. Nuvithaaka kairi ethah resort eh hadhan hikkaifi. Male' ah nuvaa gellun addu ah vany? Male' beyfulhunna hajameh nuvaaney addu ah kameh vanyaa. Addu meehun beynun vany binn hikkan
— Hakuna Matata 🇲🇻 (@AdduKoodhun) February 20, 2022
އޭނާ ވިދާޅުވާ ގޮތުން ނަމަ ބިން ހިއްކުމުގެ މި މަޝްރޫއަކީ ކުރިއަށް އޮތް ބައި ގަރުނެއްހާ ދުވަހަށް އައްޑު އަށް ބިމުގެ ދަތިކަން ކުރިމަތިނުވާނެ ފަދަ މުހިއްމު މަޝްރޫއެކެވެ. ނިޒާރު ވިދާޅުވީ ބިން ހިއްކާނީ އެކަމަށް އަޅަން ޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅައިގެންނެވެ. އެހެންވެ މި މަޝްރޫގެ ސަބަބުން ވެށި އެއްކޮށް ހަލާކުވެދާނެ ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އޭނަ ސިފަކުރައްވާ ގޮތުން ނަމަ "ތާކުންތާކުޖެހޭ" ވާހަކައެއް ނޫނެވެ.
"އައްޑޫގެ ރައްޔިތުން އައްޑޫގެ ބިން ހިއްކަން ބޭނުންވޭ. އެކަމަށް ހުރަހަކަށް އެއްވެސް ބަޔަކު ނުވުމަށް ދަންނަވަން." ނިޒާރު ވިދާޅުވި އެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ ގޮތުން ޖަމިއްޔާތަކުން އަޑު އުފުލުމާއި ސޯޝަލް މީޑިއާގައި ވެސް އެތައް ބަޔަކު ފާޅުކުރާ ޝުއޫރުތަކަށް ބަލާ އިރު، މިކަމަކީ މިހާރު "މަސްހުނި ހިޔާލުތަކެއް" ހުރި ކަމެއް ކަމަށް ބެލިދާނެ އެވެ. އެކަމަކު އެންމެ ބޮޑު ސުވާލަކީ ބިން ހިއްކަން އައްޑޫ ރައްޔިތުން ބޭނުންވޭތޯ އެވެ؟
މޭޔަރު ވިދާޅުވަނީ ރައްޔިތުން އެކަން ކުރަން ބޭނުންވާ ކަމަށެވެ. ބައެއް ފަރާތްތަކުން ބުނަމުންދާ ގޮތުގައި ބިން ހިއްކުމުގެ މަޝްރޫއު "ބޮޑު މައްސަލަގަނޑަކަށްވުމު" ގެ ކުރިން މިކަމުގައި ސާފު ނިންމުމެއް ވެސް ހޯދުން ބުއްދިވެރި އެވެ. އެއް ކަމަކީ ސީދާ ރައްޔިތުން ހިޔާލު ހޯދުމެވެ. ކައުންސިލަށް ކޮންމެވެސް ގޮތަކުން އެކަން ކުރެވިދާނެ އެވެ. ދެން ސުވާލަކީ މެޖޯރިޓީ އެކަމަށް ތާއީދުކުރާ ނަމަ ހަމަ މަޝްރޫއު ކުރިއަށް ގެންދަންވީތޯ އެވެ؟
އެކަމަކު އެއާ ވިއްދައިގެން ހަމަ ޔަގީނުން ވެސް އީއައިއޭ ރިޕޯޓަށް ބަރޯސާވާން ޖެހޭނެ އެވެ. ބިން ހިއްކުމަކީ މުހިއްމު ކަމަކަށް ވިޔަސް އަދި ގިނަ ރައްޔިތުން ބޭނުން ކަމަކަށް ވިޔަސް ވެށި ހަލާކުވާ ގޮތަށް މި މަޝްރޫއާ އެކު އައްޑޫގެ ވެށި "ގުރުބާންކުރެވިގެން" ނުވާނެ އެވެ. އެކަން އެގޮތަށްކޮށްފި ނަމަ ކަންބޮޑުވުން ފާޅުކުރާ މީހުންގެ ބަހުރުވައިން ނަމަ ލިބޭނީ ހަމަ އިޔާދަނުކުރެވޭ ވަރުގެ ގެއްލުންތަކެވެ. އެހެންވެ އެއޫ ފުންކޮށް ވިސްނަން ޖެހޭނެ ކަމެކެވެ.
އައްޑޫގެ ބިން ހިއްކުމާ ގުޅޭ މުހިއްމު ބައެއް ކަންކަން:
* ޖުމްލަ 236.5 ހެކްޓަރު ހިއްކުން.
* ހިތަދޫން 90 ހެކްޓަރުގެ ބިން ހިއްކުން
* ހުޅުމީދޫން 23.3 ހެކްޓަރުގެ ބިން ހިއްކުން
* މަރަދޫ/މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން
* ޓޫރިޒަމަށް ހާއްސަކޮށްގެން ފަޅުތެރެއިން ހިއްކައިގެން އުފައްދާ 8.3 ހެކްޓަރުގެ ތިން ރަށާއި 5 ހެކްޓަރުގެ ދެ ރަށް ހިއްކުން
* ބިން ހިއްކުމަށް ގާތްގަނޑަކަށް 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ) ހަރަދުވާނެ
* ބިން ހިއްކުމުގެ މަޝްރޫއު ރަސްމީކޮށް އިއުލާންކުރީ ފެބްރުއަރީ 21، 2021 ގައި