ތިން ފަނޑިޔާރަކުވެގެން އުއްތަމަފަނޑިޔާރުގެ ސުލޫކީ މައްސަލަ ބެލޭގޮތަށް އޮތުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، އިހުލާސްތެރިކަމަކީ ގޯސްކޮށް އޮތްކަމެއްކަމަށް ތަކުރާރުކޮށް ހަތް އަހަރު ވަންދެން ވާހަކައެއް ދެއްކުމަށްފަހު ވެރިކަމަށް އާދެވުމުން "އެކަން ހަނދާން ނައްތާލާ ޣާފިލުކަންމަތީގައި" ތިބުން ނޫންކަމަށެވެ.
އަލީ ހުސައިން ވިދާޅުވީ އެމްޑީޕީން ހަތް އަހަރު ވަންދެން ދެއްކީ ޖޭއެސްސީ އެކުލެވިގެންވާގޮތް ރަނގަޅު ނޫން ވާހަކަ ކަމަށެވެ.
"އެހެންމަ އިހުލާސްތެރިކަމަކީ، ވެރިކަމުގެ ދައުރު ދެބައިވެ ތިން އަހަރުވެ ހަތަރު އަހަރުވެ، ވެރިކަން ނިމެންދާއިރުވެސް އެ ގޯސްކަން މަތީގައި ދެމިތިބުންތޯ؟ ހަމަ ގައިމުވެސް އަޅުގަނޑު ގަބޫލުކުރަނީ އެއެއް ނޫން އިހުލާސްތެރިކަމަކީ. ގޯސްކޮށް އޮތްކަމެއް ބޭނުންކޮށްގެން ސިޔާސީ މަންފާ ނަގަމުން، މިއަދު ނަގާފަ، މާދަން ނަގާފަ، ދެން އޮތް ދުވަހު ނަގާފަ، ނަގަމުން ނަގަމުން ދިއުމަކީ އެއީކީ އިހުލާސްތެރިކަމެއް ނޫން." އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީގެ ލީޑަރަށް ޖޭއެސްސީގައި އިނދެވޭގޮތަށް އޮންނަ ފޯމިއުލާއަކީ ޖޭއެސްސީއަށް އެންމެ ރަނގަޅު ގޮތް ނޫންކަމަށެވެ. އަދި ރާއްޖޭގައި ޖޭއެސްސީ އެކުލަވާލެވޭ ފޯމިއުލާއަކީ ފެއިލް ވެފައިވާ މޮޑެލްއެއް ކަމަށާއި އެހެން ގައުމުތަކުގައި އެ ފޯމިއުލާ މަސައްކަތް ނުކުރުމުން ބަދަލުކޮށްފައިވާކަމަށެވެ.
މީގެއިތުރުން އަލީ ހުސައިން ވިދާޅުވީ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިނުމަށްވުރެއް ބޮޑު މައްސަލައެއް އެބައޮތްކަމަށެވެ. އެމައްސަލައަކީ އެހެން ތިން ފަނޑިޔާރަކު އުއްތަމަފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަން ތިބުން ކަމަށެވެ.
"ކިހިނަކުންތޯ ސަލާމަތް ބުއްދި ހުރި މީހަކު ގަބޫލުކުރާނީ ދަށުކޯޓުގެ ފަނޑިޔާރަކާ ހައިކޯޓުގެ ފަނޑިޔާރަކާ ސުޕްރީމް ކޯޓުގެ ކޮންމެސް ފަނޑިޔާރަކާ ގޮސްތިބެގެން އުއްތަމަފަނޑިޔާރުގެ ސުލޫކީ މައްސަލަ ބަލަން. މިކިހިނެއް ހިނގާނެ ކަމެއް؟ މިއީ ހަގީގަތުގައި ޓެސްޓް ކުރެވި ފެއިލްވެފައިވާ މޮޑެލްއެއް." އަލީ ހުސައިން ވިދާޅުވިއެވެ.
އަލީ ހުސައިން ވިދާޅުވީ ޖޭއެސްސީ މިހާރު އޮތްގޮތުން ކުރެވޭ ކަމަކީ ފަނޑިޔާރުން ތަޅުއަޅުވާ ކޮންޓްރޯލް ކުރުން ކަމަށެވެ. އަދި މިހާރު އޮތް ޖޭއެސްސީން އެކަން ކުރާކަމަށް ނުބުނާ ކަމަށާއި، އެހެންނަމަވެސް އެ ފުރުސަތު އެބައޮތްކަމަށް އަލީ ހުސައިން ވިދާޅުވިއެވެ. ޖޭއެސްސީ އޮންނަންވީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގައި ކަމަށް ވެސް އަލީ ހުސައިން ވިދާޅުވިއެވެ.