މިއަހަރުގެ އެންމެ ރީތި އެއް ތާރީހުކަމަށްވާ މާދަމާގެ ތާރީހު (22.02.2022)ގައި މާލޭގައި 85 ކައިވެނި ކުރުމަށް ރަޖިސްޓްރީ ކޮށްފައިވާކަމަށް ފެމިލީ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން ބުނެފައިވަނީ، މާދަމާ (22.02.2022) ފެމިލީ ކޯޓުން 85 ކާވެނި އަޤުދުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިގޮތުން ކޯޓުގައި 46 ކާވެނި ކުރުމަށް ހަމަޖެހިފައިވާއިރު، ކޯޓުން ބޭރުގައި 39 ކާވެނި ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފައިވެއެވެ. އަދި މިއީ މިއަހަރު މިހާތަނަށް އެއްދުވަހެއްގައި އެންމެ ގިނަ ކައިވެނި އަޤުދު ކޮށްދެވޭ ދުވަސް ކަމަށްވެސް ފެމިލީ ކޯޓުން ބުނެފައިވެއެވެ.
މި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު (02.02.2022)ގައި ވެސް ފެމިލީ ކޯޓުން 39 ކައިވެނި ކޮށްދީފައިވެއެވެ.
މިދިޔަ އަހަރު ފެމިލީ ކޯޓުން އެންމެ ގިނަ ކައިވެނި ކޮށްދީފައިވަނީ 21-12-2021 ގައެއެވެ. އެދުވަހު ފެމިލީ ކޯޓުން 57 ކާވެނި ޢަޤުދުކޮށްދީފައިވެއެވެ.
ފެމިލީ ކޯޓުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު އެކޯޓުން ކައިވެނި ކޮށްދިން އަދަދުގެ ދެބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދަކަށް ވަރިވެސް ކޮށްދީފައިވެއެވެ. އެގޮތުން މިދިޔަ އަހަރު ފެމިލީ ކޯޓުން 2399 ކައިވެނި ކޮށްދިންއިރު 1192 ވަރި އެ ކޯޓުން ރަޖިސްޓްރީ ކޮށްފައިވެއެވެ.