ހައިކޯޓުން ކޮށްފައިވާ އަމުރެއް ސަސްޕެންޑް ކުރުމަށްފަހު ކުށެއްގެ ތުހުމަތުކުރެވޭ މީހަކު ބޭސްފަރުވާއަށް ދޫކުރުމަށް އައްޑޫ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރާ ގުޅިގެން ޕީޖީ ހުސައިން ޝަމީމް ނުރުހުން ފާޅުކޮށްފިއެވެ.
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ބޭސްފަރުވާ އަށް ދޫކޮށްލުމަށް އަމުރުކޮށްފައި ވަނީ، 2020 ވަނަ އަހަރު ރާއްޖެއަށް 80 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލައިގައި ދައުވާ ކޮށްފައިވާ ހިތަދޫ މަންދޫބުގޭ ރުޝާން އަހުމަދުދީދީ އެވެ. އޭނަ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައި ވަނީ ހައިކޯޓުންނެވެ.
ހައިކޯޓުގެ އަމުރު ސަސްޕެންޑް ކުރުމަށްފަހު ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ރުޝާން ދޫކޮށްލުމަށް ނެރުނު އަމުރާ ގުޅިގެން، ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ، އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫން ކަމަށެވެ.
"މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ." ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނިންމުމާމެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީޖީ ޝަމީމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ހައިކޯޓުގެ ޙުކުމެއް ދިރި އޮއްވާ،އެހުކުމް ސަސްޕެންޑުކުރުމަކީ ދަށުކޯޓަކުން މެޖިސްޓްރޭޓަކު ކުރާ ކަހަލަ ކަންކަމެއްނޫނެވެ. މީހަކު ދޫކޮށްލަން ބޭނުންފުޅިއްޔާ، ރަނގަޅު ސަބަބެއް ދައްކަވާންވާނެއެވެ. މިގޮތަށް ނިންމާ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ޖޭއެސްސީގައި ޝަކުވާވެސް ކުރާނަމެވެ.
— Hussain Shameem (@HuShameem) February 21, 2022
ހިތަދޫ މެޖިސްޓްރޭޓް ކޯޓުން މެޖިސްޓްރޭޓް ރަފީއުއްދީން އަހުމަދު ނެރުއްވާފައިވާ އަމުރުގައި ބުނެފައިވަނީ، ރުޝާން އަހްމަދުދީދީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަމްބަރު 2020/HC-A/216 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަހަށް ސަސްޕެންޑްކޮށް، މިމުއްދަތަށް ބޭސްފަރުވާގެ ބޭނުމަށް އޭނާ ދޫކޮށްފައި ބެހެއްޓުމަށް އަމުރުކުރާ ކަމަށެވެ.