Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ޔޫކްރޭންގެ ދެ ސަރަހައްދެއްގެ މިނިވަންކަން ރަޝީޔާއިން ބަލައިގެންފި

ރަޝީޔާގެ ރައީސް ވްލަޑްމިއާ ޕޫޓިން

ޔޫކްރެއިންގެ އިރުމަތީގައި އޮތް ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ރަޝީޔާއިން ބަލައިގެންފިއެވެ.

ގައުމާ މުހާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރަޝީޔާގެ ރައީސް ވްލަޑްމިއާ ޕޫޓިން ވަނީ ޔޫކްރެއިންގެ ތާރީހާއި ރަޝިޔާގެ ތާރީހާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

ޕޫޓިން ވިދާޅުވީ ޔޫކްރެއިންގެ އިރުމަތީގައި އޮތް ލުހާންސްކް އަދި ޑޮނެސްކް އަކީ މާކުރިންވެސް މިނިވަންކަން އިއުލާނުކޮށްފަިއވާ ދެ ސަރަހައްދުކަމަށެވެ. އެހެންކަމުން އެ ދެ ސަރަހައްދަކީ މިނިވަން ދެ ސަރަހައްދުގެ ގޮތުގައި ރަޝީޔާއިން ބަލައިގަންނަ ކަމަށާއި، އަދި އެ ބަލައިގަތުމަކީ ރަޝިއާއިން މާކުރިންވެސް ކުރަންޖެހޭ ކަމެއްކަމަށެވެ. އަދި އެ ދެ ސަރަހައްދުގެ ހަމަޖެހުމަށް ރަޝީޔާގެ ސިފައިން އެ ދެސަރަހައްދަށް ފޮނުވުމަށް އަންގަވާފައިވެއެވެ.

ލުހާންސްކް އަދި ޑޮނެސްކް އަކީ 2014ން ފެށިގެން، ޔޫކްރޭނާ ވަކިވެގަތުމަށް މަސައްކަތްކުރާ އަދި ރަޝިއާގެ އެހީތެރިކަން ލިބޭ ހަނގުރާމަވެރިން ތަކެއްގެ ބާރުގެ ދަށުގައިވާ ދެ ސަރަހައްދެވެ.

ރަޝީޔާގެ މިނިންމުމާ ގުޅިގެން ޔޫކްރެއިނުން ބުނެފައިވަނީ ޔޫކްރެއިންގެ މިނިވަންކަން ދިފާއުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރާނެކަމަށެވެ. އަދި ރަޝީޔާގެ މިނިންމުމަކީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށާއި އަދި މިއީ ޔޫކްރެއިން ސިޔާދަތަށް އަރައިގަތުން ކަމަށް ޔޫކްރެއިނުން ސިފަކޮށްފައިވެއެވެ.

ރަޝީޔާގެ މި ނިންމުމާ ގުޅިގެން ބޮޑެތި ގައުމުތަކުން ވަނީ މިއީ ބައިނަލްއަޤްވާމީ ގާނޫނުތަކާ ހިލާފަށް ނިންމި ނިންމުމެއްކަމަށް ބުނެ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެކަމަށް ބުނެފައެވެ.