Last Updated: July 19, 13:41
Sunday, July 19, 2026
ޚަބަރު

މީދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ބާތިލުކޮށްފި!

ޓެންޑަރިން މަރުހަލާގައި އޮތް ކަމަށް ޔޫތު މިނިސްޓްރީން މިދިޔަ މަހު ބުނެފައިވާ އައްޑޫ މީދޫ ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދަން ކައުންސިލުން ކުރި އިއުލާން، ބާތިލުކޮށް އެ މިއަދު ގެޒެޓްގައި ޝާއިއުކޮށްފި އެވެ.

އެ މަސައްކަތްތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ކުރިމަތިލާން ހުޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ގަ އެވެ. އޭރު ކުރި އިއުލާން ކައުންސިލުން ބާތިލުކޮށްފައި މި ވަނީ މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސް އިމާރާތް ޓެންޑަރިން އަށް ފޮނުވާފައިވާ ކަމަށް ޔޫތު މިނިސްޓްރީން މިދިޔަ މަހުގެ މެދު ތެރޭގައި ބުނެފައި ވަނިކޮށެވެ. އެ މަސައްކަތް ބާތިލުކުރި ކަމަށް ކަނޑައެޅި އިއުލާން
ގެޒެޓްގައި މިއަދު ޝާއިއުކޮށްފައި ވަނީ މި މަހުގެ 17 ގެ ތާރީހުގައި ނެރެފައިވާ ކައުންސިލުން ނެރުނު އިއުލާނެއްގެ ގޮތުގަ އެވެ.

އެ އިއުލާން މިއަދު ކައުންސިލްގެ ސޯޝަލް މީޑިއާ އެކައުންޓްތަކާއި އެތަނުގެ ވެބްސައިޓްގައި ވެސް ހިމަނާފައިވެ އެވެ.

މިކަމާ ބެހޭ ގޮތުން މީދޫ ކައުންސިލަރު އައިމިނަތު ސާލިހާ "އައްޑޫ ލައިވް" އަށް މިއަދު ވިދާޅުވީ އެކަމާ ބެހޭ އިތުރު އެއްވެސް މައުލޫމާތު ލިބިވައިގެންފައި ނެތް ކަމަށެވެ.

"އަޅުގަނޑަށް ވެސް މިދިޔަ މަހު އެނގިފައި އޮތީ އެ މަސައްކަތް މިހާރު ޓެންޑަރިންގައި އޮތް ކަމަށް. އަދި މިހާރު ވެސް މައުލޫމާތު ލިބެނީ ހަމަ ޓެންޑަރިންގައި އޮތް ކަމަށް،" އޭނާ ވިދާޅުވި އެވެ. "އިތުރު އެއްވެސް ބަދަލެއް މިއަށް އައި ކަމެއް ރަސްމީކޮށް އެނގިފައެއް ނެތް."

ޔޫތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި މީދޫގައި ހަދަން ނިންމާފައިވާ އިންޑޯ ކޮމްޕްލެކްސްގައި ހޭންޑްބޯލް، ނެޓްބޯލް، ވޮލީބޯލް އަދި ބާސްކެޓްބޯޅަ ކުޅެވޭނެ އެވެ. އަދި އެތަނަކީ ބައިނަލްއަގްވާމީ މުބާރާތްތައް ވެސް ބޭއްވޭ ފެންވަރުގެ ތަނަކަށް ވާނެ އެވެ.

މި ތަނަކީ މީދޫގެ ޒުވާނުންގެ ވަރަށް ބޮޑު ހުވަފެނެކެވެ. ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވެގެން ވަރަށް ފަހުން ވެސް މީދޫގެ ޒުވާނުންތަކެއް އިހުތިޖާޖުކޮށްފައިވެ އެވެެ.