Last Updated: June 23, 06:08
Tuesday, June 23, 2026
ކުޅިވަރު

ކުޅިވަރުގެ އާ އެވޯޑް ދާއިމީވޭތޯ ބަލާނަން: މަހުލޫފް

ޔޫތު މިނިސްޓްރީން އަންނަ މަހު "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގެ ނަމުގައި އަންނަ މަހު ދޭން ފަށާ ކުޅިވަރުގެ އާ އެވޯޑަކީ ދާއިމީކޮށް ދެވޭ އެއްޗަކަށް ހައްދަވާނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއް އެވެ.

އަންނަ މަހުގެ 17 ގައި ބާއްވާ އެވޯޑްސް އަށް ކަނޑައެޅި ޕާޓްނަރުންނާ އެކީ ސޮއިކުރަން ބޭއްވި ހަފުލާގައި މިނިސްޓަރު ވިދާޅުވީ އާ އެވޯޑަކީ ކޮންމެހެން އޭނާއާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ސީދާ މިނިސްޓްރީގެ ކަމެއް ކަމެއް ކަމަށެވެ. އެހެންވެ މިނިސްޓަރުކަމުގައި ނެތަސް އަލަށް މި އަހަރު ދޭން ފަށާ ކުޅިވަރު އެވޯޑަކީ ގަވައިދުން ކޮންމެ އަހަރަކު ދެވޭ އެއްޗަކަށްވުން ވަރަށް މުހިއްމު ކަމަށް މަހްލޫފު ވިދާޅުވި އެވެ.

އަދި އެވޯޑް ދާއިމީކުރުމަށްޓަކައި ކުރުމަށްޓަކައި ގާނޫނަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ މަސައްކަތްވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ނެތަސް މިކަން ހިނގަންވާނެ. ދެއްތޯ؟ މިއީ ހަމަ ވަރަށް މުހިންމުކަމެއް. އެހެންވީމަ އެ ގާނޫނަށް އިސްލާހެއް ގެންނަން ޖެހިއްޖެނަމަ އެގޮތުގައި އެ އިސްލާހު ގެނެސްގެން ނަމަވެސް އަޅުގަނޑުމެން ތިކަމަށް ހަމަ އިސްކަމެއް ދޭނަން،" މަހުލޫފު ވިދާޅުވި އެވެ. "ވަރަށް ރަނގަޅު ވާހަކައެއް. އަޅުގަނޑު އުންމީދުކުރަނީ އެހެން ނުވެ މިއީކީ މަހުލޫފާ ގުޅޭކަމެއް ނޫން. މިއީ ކުޅިވަރު މިނިސްޓަރާ ގުޅޭކަމެއް ގޮތުގައި ދެކިގެން މީތި ކުރިއަށް ގެންދިޔުން."

އަންނަ މަހު ދޭން ފަށާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" ގައި އަށް އެވޯޑެއް ދޭނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ އެތުލީޓް އޮފް ދި އިޔާ އެވޯޑް (އަންހެން/ފިރިހެން)، ސްޕެޝަލީ އޭބަލްޑް އެތުލީޓް އޮފް ދި އިޔާ އެވޯޑް (އަންހެން/ފިރިހެން)، ސްޕޯޓްސް ޖާނަލިސްޓް އޮފް ދަ އިޔާ އެވޯޑް، މީޑިއާ އޮފް ދަ އިޔާ އެވޯޑް (އޮންލައިން/ބްރޯޑްކާސްޓިން)، ސްޕޯޓްސް މެޑިކް އޮފް ދި އިޔާ އެވޯޑް، ޓެކްނިކަލް އޮފިޝަލް އޮފް ދަ އިޔާ އެވޯޑް (އަންހެން/ފިރިހެން)، ކޯޗް އޮފް ދި އިޔާ އެވޯޑް (އަންހެން/ފިރިހެން) އަދި މޯސްޓް ޕްރޮމިސިން ޔަންގް އެތުލީޓް އޮފް ދަ އިޔާ އެވޯޑް (އަންހެން/ފިރިހެން) އެވެ.

މި އެވޯޑްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ. "މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް" މި އަހަރު ދޭނީ 2019 ގެ ފަހުގެ ކުޅިވަރު ހަރަކާތްތައް ވަޒަންކޮށްގެންނެވެ.