Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

"މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިނުން ރަނގަޅެއް ނޫން"

މެމްބަރު އިލިޔާސް ލަބީބް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކީ ތިން ބާރުގެ ތެރެއިން އެއްބާރުގެ ވެރިޔާކަމަށާއި، އެ ބޭފުޅާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިނުމަކީ ރަނގަޅު ކަމެއް ކަމަށް ނުދެކޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އިލްޔާސް ލަބީބް ވިދާޅުވީ ޖުމުލަގޮތެއްގައި ބަލާއިރު ޤާނޫނުއަސާސީގައި ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ޤާނޫނުއަސާސީ އެކުލަވާލެވިގެން މިވީ މުއްދަތުގެ ތެރޭގައި ޖޭއެސްސީއަށް ބަދަލުތަކެއް ގެންނަންޖެހޭކަން ގަބޫލުކުރެވުނު ކަމަށެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަކީ މިދޔަ އިންތިހާބުގައި އެމްޑީޕީން ވެފައިވާ ވައުދެއްކަން ފާހަގަކޮށް އިލްޔާސް ލަބީބް ވިދާޅުވީ އެކަންކުރުމަކީ އެމްޑިޕީގެ ވިސްނުމެއް ކަމަށާއި މިދައުރުގައި އެމްޑީޕީން އެކަން ކުރާނެ ކަމަށެވެ.

އިލްޔާސް ލަބީބް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކީ ދައުލަތުގެ އެންމެ މަތީ ބޭފުޅާއަށްވުމުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެމްބަރަކު ޖޭއެސްސީގައި ހުރުމަކީ މުހިންމު ކަމެއްކަމަށް ދެކޭކަމަށާއި އަދި އެބޭފުޅަކީ ބަންޑާރަނައިބަށްވުން މުހިންމު ކަމަށެވެ.

މިހާރު ޤާނޫނުއަސާސީގައި އޮތްގޮތުން މަޖިލީހުގެ މެމްބަރަކާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިންނަވާކަން ފާހަގަކޮށް އިލްޔާސް ލަބީބް ވިދާޅުވީ މަޖިލީހުގެ ރައީސް ޖޭއެސްސީގައި އިނުމަކީ އެންމެ ރަނގަޅު ކަމެއްކަމަށް ނުދެކޭކަމަށެވެ.

"އަޅުގަނޑުދެކޭ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްއަކީ ދައުލަތުގެ އެއްބާރުގެ ވެރިޔާ. އެހެންވީމަ އެއްބާރުގެ ވެރިޔާ ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރަކަށް އިނުމަކީ އެއީ އެހާރަނގަޅު ކަމެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގައެއް ނުކުރެވޭ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ޖުޑިޝަލް ސަރވިސް ކޮމިޝަންގައި ހުރުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން." އިލްުޔާސް ލަބީބް ވިދާޅުވިއެވެ.

ޖޭއެސްސީއަކީ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައްވެސް ބަލާތަނެއްކަން ފާހަގަކޮށް އިލްޔާސް ލަބީބް ވިދާޅުވީ އެފަދަ ތަނެއްގައި ގިނަ ފަނޑިޔާރުން ތިބުމަކީ މަސްލަހަތު ފުށުއަރާފާނެ ކަމެއްކަމަށެވެ. އެހެންނަމަވެސް ޖުޑިޝަރީގެ ތެރެއިން ދެބޭފުޅުންވަރު ޖޭއެސްސީގައި ތިބުމަކީ މުހިންމު ކަމެއްކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އިލްޔާސް ލަބީބް ވިދާޅުވީ ޖޭއެސްސީގައި ދެން ތިބޭނެ މެމްބަރުންނާ ގުޅޭގޮތުން މިއަށްވުރެއް ފުޅާކޮށް މަޝްވަރާ ކުރެވެންޖެހޭ ކަމަށާއި، އަދި އެކަމަށް އެހެން ޕާޓީތަކުންވެސް އެއްބަސްވެގެން ޤާނޫނުއަސާސީއަށް މި އިސްލާހު ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކޭކަމަށެވެ.