Last Updated: April 25, 21:20
Thursday, April 25, 2024
ޚަބަރު އައްޑޫ

ކައުންސިލުން ހުޅުދު އާއި މީދޫ ވަކިިވާން ތާއީދެއް ނޫން: އިލްޔާސް

އިލިޔާސް ލަބީބް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އައްޑޫ ސިޓީ ކައުންސިލް މިހާރު އުފެދިފައިވާ ގޮތަށް ބަދަލު ގެނެސް ހުޅުދު އާއި މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ބޭއްވުމަށް ތާއީދު ނުކުރާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން އިލްތިޔާސް ލަބީބް ވިދާޅުވީ ރާއްޖެ ލާމަރުކަޒީ ނިޒާމުން ހިންގަމުންދާއިރު ދިމާވާދަތިތައް ފާހަގަވާކަމަށެވެ. އެހެންކަމުން ލާމަރުކަޒީ ނިޒާމު އިތުރަށް ފުރިހަމަ ކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ގެންނަންޖެހޭ ކަމަށެވެ.

އައްޑޫ ސިޓީގެ ރައްޔިތުންގެވެސް ބައެއް ކަންބޮޑުވުންތައް ހުރިކަން ފާހަގަކޮށް އިލްޔާސް ލަބީބް ވިދާޅުވީ އައްޑޫ ސިޓީން ހުޅުދު އާއި މީދޫ ވަކިވާންވީ ކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަކަމަށެވެ. އެހެންނަމަވެސް އެކަމަށް ތާއީދު ނުކުރާ ކަމަށް ވިދާޅުވިއެވެ.

"އެ ވަކިވާން އެބޭފުޅުން އެވިދާޅުވާ ސަބަބަކީ ކޮބައިތޯ އަޅުގަނޑުމެން ދެނެގަންނަންޖެހޭ. އެބޭފުޅުންނަށް އެ ދަތިއުނދަގޫތަކެއް ހުރީމަ އެވާހަކަ އެ ދައްކަނީ. އަޅުގަނޑުމެން ސިޓީއެއް ގޮތުގައި މުޅި އައްޑޫސިޓީ އޮވެފަވެސް އެ ދަތިތައް ޤާނޫނުއަސާސީން އިސްލާހު ގެނެސްގެން، އެ ދަތިތައް އޭގެތެރެއިން ހައްލު ކުރެވޭގޮތަށް އެ ބަދަލު ގެނައިމަ ރައްޔިތުންނަށް އެ ހިދުމަތް ލިބިގެންދާނެ. އޭރުން ރައްޔިތުން ބޭނުމެއް ނުވާނެ ކޮންމެހެން ސިޓީއަކުން ވަކިވާކަށް." އިލްޔާސް ލަބީބް ވިދާޅުވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ހުޅުދު އާއި މީދޫ ވަކިކުރަން ތާއީދު ނުކުރާ ކަމަށް އިލްޔާސް ލަބީބް މިއަދު މަޖިލީހުގައި ވިދާޅުވިއިރު، ރައްޔިތުން އެދޭނަމަ ހުޅުދު އާއި މީދޫ އައްޑޫ ސިޓީ ކައުންސިލުން ވަކިކުރަން ޤާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ހުށަހަޅާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މީގެ ކުރިން ވަނީ ވިދާޅުވެފައިވެ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ހުޅުދު އާއި މީދޫ ވަކިވުމަށް މިހާރު ވެސް އަންނަނީ "އަފިރިންގެ ކައުންސިލް އަފިންނަށް" ގެ ނަމުގައި ކެމްޕޭނެއް ވެސް ހިންގަމުންނެވެ. އެ ކެމްޕޭނުގެ ދަށުން އަންނަނީ ޕެޓިޝަނެއްގައި ސޮއި ވެސް ކުރަމުންނެވެ.