Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ޖޭއެސްސީ ބަދަލުކުރާ އިސްލާހު ބޭރުކޮށްލައިފި

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ރައްޔިތުންގެ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.

ޤާނޫނުއަސާސީއަށް ހުށަހަޅާފައިވާ އިސްލާހު ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. އަދި އެ އިސްލާހު ބަލައިގަތުމަށް ނުފެންނަ ކަމަށް 46 މެމްބަރުން ވޯޓު ދެއްވާފައިވެއެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ޤާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާފައިވަނީ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

ތޯރިގްގެ އިސްލާހުގައި ޖޭއެސްސީ އެކުލެވިގެންވަނީ ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅިކޮށްފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ވަކީލުންގެ ތެރެއިން އިންތިހާބުކުރާ ވަކީލެއް، ވަކީލުންގެ ތެރެއިން އިންތިހާބުކުރާ އަންހެން ވަކީލެއް، ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ މުދައްރިސުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ތައުލީމީ ދާއިރާ އިން މަތީ ތައުލީމު ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެއް، ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމް ހާސިލްކޮށްފައިވާ އަދި ސިޔާސީ ގޮތުން ހަރަކާތްތެރި ނުވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބުކުރާ މީހެކެވެ.

ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރުމަށް ހުށަހެޅި އިސްލާހާއި ގުޅިގެން އެމްޑީޕީ މެމްބަރުން މަޖިލީހުގައި ބުނެފައިވަނީ ޖޭއެސްސީ އެކުލެވޭގޮތް ބަދަލުކުރަންޖެހޭ ކަމަށާއި އެކަމަކީ އެމްޑީޕީގެ ވައުދެއް ކަމަށެވެ. އަދި މި ދައުރު ނިމުމުގެ ކުރިން އެކަން ކުރާނެ ކަމަށެވެ.