ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އެންގެވުމަށް ޔޫކްރެއިންގައި ތިބި ދިވެހިން އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، ޔޫކްރެއިންގައި ދިރިއުޅޭ ދިވެހިން ރާއްޖެއަށް އަނބުރާ ގެނައުމަށް ރައީސް އެންގެވުމާއި ގުޅިގެން ފޮރިން މިނިސްޓްރީން އެ މަސައްކަތް ފަށާފައިވާކަމަށެވެ.
ޔޫކްރެއިންނާއި ރަޝީޔާގެ މަޝްރަހު ހޫނުވެފައިވައިރު މީގެކުރިން ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންވަނީ އެމީހުންގެ ކަންބޮޑުވުންތައްވެސް މީޑިއާއަށް ހިއްސާކޮށްފައެވެ.
ދިވެހިން އަނބުރާ ގެނައުމަށް ރައީސް އެންގެވިއިރު، ޔޫކްރެއިންގެ އިރުމަތީގައި ވަކިވެގަތުމަށް މަސައްކަތްކުރާ ދެ ސަރަހައްދަކީ މިނިވަން ދެ ދައުލަތުގެ ގޮތުގައި ރަޝީޔާއިން ވަނީ ބަލައިގެންފައެވެ. އަދި އެތަންތަނުގެ ސުލްހަޔަށް ރަޝީޔާގެ ސިފައިން ފޮނުވުމަށްވެސް ރަޝީޔާގެ ރައީސް ވްލެޑްމިއާ ޕޫޓިން އަމުރު ކުރައްވާފައިވެއެވެ. ޕޫޓިންގެ މި ނިންމެވުމުގެ ސަބަބުން ހަނގުރާމައެއް ފެށިދާނެކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ.
ޔޫކްރެއިނާއި ރަޝީޔާގެ މަޝްރަހު ހޫނުވެފައިވާއިރު ޔޫކްރެއިންގައި ތިބި ގިނަ ގައުމުތަކެއްގެ ރައްޔިތުންނަށް ފޭބުމަށްވެސް ގައުމުތަކުން އަންގާފައިވެއެވެ.