Last Updated: July 19, 13:41
Sunday, July 19, 2026
ކުޅިވަރު

"އައްޑޫ ސްޓްރީޓް ސޮކާ" 26 ގައި ފަށަނީ

އައްޑޫގައި ބާއްވަމުން އަންނަ "އައްޑޫ ސްޓްރީޓް ސޮކަ ކަޕް" ގެ 10 ވަނަ މުބާރާތް މި މަހުގެ 26 ގައި ފަށާ ގޮތަށް ނިންމައި، މުބާރާތުގެ ގުރުލުން ބާއްވައިފި އެވެ.

އައްޑޫގެ ގުޅިފައިވާ ހުރިހާ އަވަށަކުން ޓީމްތައް ވާދަކުރާ މުބާރާތުގައި މި ފަހަރު 16 ޓީމް ބައިވެރިވެފައިވެ އެވެެ. ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގެ ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ރޭގަނޑު އެެވެ.

މުބާރާތުގެ މި ފަހަރު ވާދަކުރާ ޓީމްތަކުގެ މެދުގައި ގުރުލުން ބޭއްވީ ރޭ ގަމުގަ އެވެ.

ކުރިއެކޭ އެއްގޮތަށް "އައްޑޫ ސްޓްރީންޓް ސޮކަ ކަޕް" ގެ މެޗްތައް ކުޅޭނީ ގަމުގެ ޔޫތު ސެންޓަރާ ދިމާލުން އޮންނަ ޓެނިސް ކޯޓްގަ އެެވެ. މުބާރާތް ކުރިއަށް ދާނީ އަންނަ މަހުގެ 14 އާ ހަމައަށެވެ.

މުބާރާތް އިންތިޒާމުކުރާ ފޭދޫ ސްޕޯޓްސްގެ ނައިބު ރައީސް އަބްދުﷲ ނަސީރު (އައްދު) ވިދާޅުވީ މި އަހަރަކީ ފުރަތަމަ ފަހަރަށް ސްޕޮންސަރެއް ނެތި މުބާރާތް ކުރިއަށް ގެންދަން ޖެހުނު ފަހަރެއް ކަމަށެވެ. އޭނާ ވިދާޅުވީ ސްޕޮންސަ ލިބޭތޯ ވަރަށް ގިނަ ތަންތަނަށް ހުށަހެޅި ކަމަށާއި އެކަމަކު މިހާތަނަށް އައި އިރު ސްޕޮންސަރަކު ލިބިފައި ނުވާ ކަމަށެވެެ.

"ވަރަށް ގިނަ ތަންތަނަށް އެޕްރޯޗް ވެސް ކުރިން. އަދި އަޅުގަނޑުމެން އެޕްރޯޗްކުރި ބައެއް ތަންތަނުން ޖަވާބެއް ވެސް ނުލިބޭ. ބޮޑަށް ހީވަނީ ކޮވިޑާ ހެދި ވިޔަފާރިތަކަށް ދިމާވި ދަތިތަކާ ހެދި ވިޔަފާރިތަކަށް ދަތިވީހެން ސްޕޮންސަ ދޭން." އައްދު ވިދާޅުވި އެވެ.

ސްޕޮންސަރެއް ނުލިބުނަސް ކުރިއެކޭ އެއްގޮތަށް މި ފަހަރުގެ މުބާރާތަށް ވެސް ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ. އެކަމަކު ފައިސާގެ އިނާމުދޭން ގޮންޖެހުންތަކެއް ހުރި ކަމަށް މުބާރާތް އިންތިޒާމުކުރާ ފޭދޫ ސްޕޯޓްސް އިން ބުންޏެވެ.

"އައްޑޫ ސްޓްރީޓް ސޮކާ ކަޕް" އަކީ 2011 އިން ފެށިގެން ބާއްވަމުން އަންނަ ފޯރިގަދަ މުބާރާތެކެވެ. އެގޮތުން މުބާރަތަށް ޓީމްތަކާއި ސަޕޯޓަރުންގެ ފަރާތުން އަބަދު ވެސް ބޮޑު ތަރުހީބެއް ލިބެ އެވެ.