Last Updated: July 17, 10:59
Friday, July 17, 2026
ޚަބަރު

ސަލްމާން މިސްކިތް ރޯދަ އަށް ހުޅުވަނީ

މަސައްކަތް ނިމިފައި ހުއްޓަސް ބޭނުންކުރަން ނުފެށި ގިނަ ދުވަސްތަކެއްވެފައިވާ މާލޭގެ ސަލްމާން މިސްކިތް ކުރިއަށް އޮތް ރޯދަ މަހަށް ހުޅުވައި ނަމާދުކުރަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްރީން ބުނީ ސައުދީ އަރަބިއްޔާގެ ހަދިޔާއެއްގެ ގޮތުގައި އިމާރާތްކުރި މިސްކިތް ރޯދަ އަށް ހުޅުވުމާ ބެހޭ ގޮތުން މިނިސްޓްރީން ބުނީ ސައުދީ ސަރުކާރާ ގުޅިގެން މިހާރު މިސްކިތް ހުޅުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ކިންގް ސަލްމާން މިސްކިތަކީ ސަޢުދީ އރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އެހީގެ ދަށުން ބިނާކުރި މިސްކިތެކެވެ. މިއީ މާލޭގައި ހުރި އިސްމީ މަރުކަޒު ފިޔަވައި އެންމެ ބޮޑު މިސްކިތް ވެސް މެ އެވެ.

އެއްފަހަރާ 4،000 އެއްހާ މީހުންނަށް ނަމާދުކުރެވޭ ގޮތަށް ހަދާފައިވާ ސަލްމާން މިސްކިތަކީ ގިނަ ކަންކަމަށް ބޭނުން ވެސް ހިފޭ ގޮތަށް ފަރުމާކޮށްފައިވާ ޖާގަ ތަނަވަސް މިސްކިތެކެވެ. މިސްކިތުގެ ފުރަތަމަ އާއި ދެވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.

މިސްކިތުގެ ތިން ވަނަ ފަންގިފިލާގައި ހަތަރު ކްލާސްރޫމާއި ފަސް ސެމިނަ ރޫމްގެ އިތުރުން އިސްލާމިކް ލައިބްރަރީއަކާއި އިދާރީ މަސައްކަތްތަކަށް ހާއްސަ ތަނެއް ހަދާފައިވެ އެވެ. ހަތަރު ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ އެކިއެކި ސެމިނަރތަކާއި ކޮންފަރެންސްތައް ބޭއްވުމަށް ޚާއްސަ އޮޑިޓޯރިއަމަކަށެވެ. މިއީ 350 މީހުންގެ ޖާގައިގެ ތަނެކެވެ.

މީގެ އިތުރުން މިސްކިތުގެ ފަސް ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ދީނީ ދަރުސް ދިނުމަށާއި، ނަމާދު ކުރުމަށް ވެސް ބޭނުންކުރެވޭނެހެން މަލްޓި-ޕަާޕަސް ހޯލެއްގެ ގޮތުގައެވެ.