Last Updated: June 14, 11:55
Sunday, June 14, 2026
ޚަބަރު

ތިނަދޫ ހޮސްޕިޓަލްގެ ޑޮކްޓަރުންތަކެއް "ފިލައިފި"

ތިނަދޫ ހޮސްޕިޓަލަށް ފޮނުވި ޑޮކްޓަރުންތަކެއް "ފިލާފައި" ވާކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުއުނީ ވަނީ ތިނަދޫ ހޮސްޕިޓަލުގައި ހޭނައްތާ ޑޮކްޓަރެއް "ހަރުލާނެ ގޮތެއް" ވާނީ ކޮންއިރަކުންތޯ ހެލްތް މިނިސްޓަރު އަހުމަދު ނަސީމާ ސުވާލު ކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ތިނަދޫ ހޮސްޕިޓަލަށް މިފަހުންވެސް ފަސް ޑޮކްޓަރުން ފޮނުވި ކަމަށާއި، އެމީހުން ފިލައިގެން ދިޔައީ ކަމަށެވެ.

"އަޅުގަނޑަކަށް ނޭންގެ ކިހިނެއްކަމެއް ފިލައިގެން ދިޔައީކީ. އަޅުގަނޑުމެންނަށް އެތަނަށް ޑޮކްޓަރުން ފޮނުވާ އެކަހަލަ ކަންތައް އެބަކުރެވޭ. ހިފެހެއްޓޭތޯ ބައްލަވައިދިނުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް." މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ޑޮކްޓަރުން ފިލައިގެން ދިއުމުގެ ކުރިން އެނގޭނަމަ އެއާޕޯޓާ ހަމައިން އެކަން ހުއްޓުވޭނެކަމަށެވެ. އަދި ތިނަދޫގެ މި ހާދިސާތަކާ ގުޅިގެން އިމިގްރޭޝަނާ ވާހަކަ ދައްކައިގެން އެކަން މިހާރު ހަމަޖައްސާފައިވާނެ ކަމަށާއި، އެގޮތުން މިހާރު އެގޮތަށް އައިސް ތިބޭ ޑޮކްޓަރުންނަށް ހެލްތް މިނިސްޓްރީގެ ހުއްދައެއް ނެތި ފުރައިގެން ނުދެވޭނެކަމަށް ވިދާޅުވިއެވެ.