Last Updated: June 14, 10:47
Sunday, June 14, 2026
ޚަބަރު

ތިނަދޫ ޓާޝަރީ ހޮސްޕިޓަލަށް ކުވައިތު ފަންޑުން ލޯނު

ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގދ. ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްމުއުނީ ކުރި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ތިނަދޫގައި ގާއިމުކުރާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލަށް އެޅުމަށް ކުވައިތު ފަންޑުން ލޯނު ހަމަޖެހިފައިވާ ކަމަށާއި މި ހޮސްޕިޓަލް ޑިޒައިން ކުރުމަށް މިހާރުވެސް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި ހޮސްޕިޓަލް އެޅުމަށް ބަޔަކު ހޯދަން ދެވަނަ ކުއާޓާ ތެރޭގައި ޓެންޑާ ކުރާނެ ކަމަށެވެ.

ތިނަދޫގައި އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިނިސްޓަރު ނަސީމް ވިދާޅުވީ އެ މަސައްކަތުގެ 95 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.

އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން އޯޕީޑީގެ ޖާގަ ބޮޑު ކުރުމާއި 2 ލޭބަރ ރޫމް އިތުރުކުރުމާއި 4 ޕްރައިވެޓް ރޫމް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރު ނަސީމް ވިދާޅުވިއެވެ. އަދި މި މަސައްކަތަށް 33 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާކަން ފާހަގަކުރެއްވިއެވެ.