ފިލްމަކުން ނުފެންނަތާ މިހާރު ހަތަރު އަހަރެއްހާ ދުވަސްވީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ އެންމެ އަވަހަށް ދެން އަންނާނެ ފިިލްމު "ޕަތާން" ގައި އޭނާ ފެންނާ ގޮތުގެ ލުކާ އެކު އިޝްތިހާރެއް އާންމުކޮށްފި އެވެ.
ޝާހްރުކްގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ވެސް ޕޯސްޓްކޮށްފައިވާ މި އިޝްތިހާރަކީ މަޝްހޫރު ފިނި ބުއިމަކީ ކޮކަ ކޯލާ އިން ނެރޭ އިންޑިއާގެ "ތަމްބްސް އަޕް" ގެ އެންމެ ފަހުގެ އިޝްތިހާރެވެ. މީގައި ޝާހްރުކް ފެންނާނީ ދިގު އިސްތަށިގަނޑަކާ އެކީގަ އެވެ. މިއީ ސްޕައި އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭނެ "ޕަތާން" ގައި އޭނާ ފެންނާނެ ގޮތެވެ. އަދި އެ ފިލްމުގައި ފެންނާނެ ގޮތަށް އިޝްތިތާރު ބެސް ގެނެސްދީފައި އޮތީ ތަޅާފޮޅުމުގެ މަންޒަރުތަކަކާ ވެސް އެކީގަ އެވެ.
ޝާހްރުކް ކުރިން ވެސް ދިގު އިސްތަށިގަނޑަކާ އެކީ ފެނިފައިވެ އެވެ. އެއީ 2011 ގެ "ޑޮން 2" ގަ އެވެ.
އަންނަ އަހަރުގެ ކުރީކޮޅު ރިލީޒްކުރާނެ ކަމަށް ބެލެވޭ "ޕަތާން" އަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް "ވޯ" ގެނެސްދިން ޑައިރެކްޓަރު ސިދާތު އާނަންދުގެ ފިލްމެވެ. މީގެ މަންޒަރުތަކެއް ނަގަން އަންނަ މަހު ކާސްޓާއި ކްރޫ ސްޕެއިނަށް ދާނެ އެވެ.
"ޕަތާން" ގެ ބަތަލާ އަކީ ދީޕިކާ ޕަދްކޯނެވެ. އަދި ފިލްމުގެ މައި ވިލަން އަކީ ޖޯން އަބްރަހަމެވެ.
ޝާހްރުކްގެ އެންމެ ފަހުގެ ފިލްމަކީ 2018 ގެ "ޒީރޯ" އެވެ. އޭނަ މިހާރު ތަމަޅަ ޑައިރެކްޓަރު އެޓްލީގެ "ލަޔަން" ގެ މަސައްކަތް ވެސް ކުރަމުން އަންނަ އިރު، އެޕްރީލް މަހުގެ ތެރޭގައި ރާޖްކުމާރު ހިރާނީ ޑައިރެކްޓްކުރާ ސޯޝަލް ކޮމެޑީއެއްގެ ޝޫޓިން ވެސް ފަށާނެ އެވެ.