މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވާ ރާއްޖޭގެ މައްޝޫރު ރެޕް އާޓިސްޓު އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބޭސްފަރުވާއަށް ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.
ޝަރުތުތަކެއް ކުރުމަށްފަހު ޕެސްޓް ބަންދުން ދޫކޮށްލުމަށް ކޯޓުން ނިންމީ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ.
ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ހުރި ޕެސްޓް ބަންދުން ދޫކޮށްލާފައިވަނީ ދެ މަސްދުވަހުގެ މުއްދަތަށެވެ. އަދި ބޭސްފަރުވާއަށް ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށްވެސް ޝަރުތުކޮށްފައިވެއެވެ.
މި މައްސަލައިގައި ޕެސްޓް ބަންދުކޮށްފައި ހުރިއިރު މީގެކުރިން ވަނީ ދޫނިދޫގައި ބަންދުކޮށްފައި ހުރިއިރު ބޭސްފަރުވާގެ ކަންކަން ގޯސްވެ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފައެވެ. ބޭސްފަރުވާގެ ކަންކަމުގައި ޕެސްޓްގެ ފަރާތުން މީގެ ކުރިންވެސް ޝަރީއަތުގައި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރިކަމަށް ޕެސްޓްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ ދެކޮޅު ހަދާއިރު، އޭނާގެ ވަކީލުން ބުނެފައިވަނީ އެ މައްސަލައިގައި ޕެސްޓްއާ ގުޅުވައިދޭ ރަނގަޅު ހެކިވެސް ނެތްކަމަށެވެ.